ވޭތުވެދިޔަ އަހަރުތަކަށްވުރެ މިއަހަރު ހޫނު ގަދަވާނެ: މެޓް

ވޭތުވެދިޔަ އަހަރުތަކަށްވުރެ މިއަހަރު ރާއްޖެއަށް އިތުރަށް ހޫނު ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުގަދަ ވަނީ މާޗު މަހާއި އޭޕްރީލް މަހުގައި ކަމަށެވެ. އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ މާޗު މަސް ފެށުނު އިރު ވެސް ރާއްޖޭގައި ފިނިހޫނުމިން ހުރީ އާއްމު ގޮތެއްގައި ފިނި ހޫނު މިން ހުންނަ މިންވަރަށް ވުރެ މަތީގައި ކަމަށެވެ. އެގޮތުން މިއަހަރުގެ މާޗު މަސް ފެށުނުއިރު ފިނިހޫނުމިން ހުރީ 0.5 ދަރަޖަ މަތީގައި ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެހެންކަމުން މިއަހަރުގެ ހޫނު މޫސުމުގެ ދުވަސްތަކުގެ ފިނި ހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ މިހާރު ހުރި ވަރަށްވުރެ މަތީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރެއެވެ. ދުނިޔޭގެ ފިނި ހޫނުމިނަށް ބަލާއިރު މިފަހުގެ އަހަރުތަކަކީ ހޫނުގަދަ އަހަރުތަކެއްގެ ގޮތުގައި ރިކޯޑު ކުރެވިފައިވާ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ ފިނިހޫނުމިން ދަށްވާން ފަށާނީ މޭ މަހުގެ މެދެއްހާތަނުގައި، ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފެށުމުން ކަމަށް މެޓުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!