ފޮޓޯ: ސީއެންއެމް

ކޮވިޑް-19: ޕޮޒިޓިވްވި 4 މީހުންގެ ހާލު ރަނގަޅު

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. އެ ދެ މީހުންނަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ތަނުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެމީހާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ.

ކުރެއްދޫ ރިސޯޓަށް އެރުމާއި ފޭބުން މަނާކޮށް އޮރެންޖު އެލާޓް ނެރެފައިވާއިރު އެ ރަށުގައި މި ވަގުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު، ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ވަނީ ގެންގޮސްފަ އެވެ. އަދި، ފޯކައިދޫގައި އިތުރު ނުވަ މީހަކު ވަނީ އެކަހެރިކޮށްފަ އެވެ. އެއީ އެ މުވައްޒަފާ ކޮންޓެކްޓްވި މީހުންނެެވެ. އޭގެ ތެރެއިން އެކަކު ކަރަންޓީނު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ފޯކައިދޫއަށް ދިވެހި މުވައްޒަފު ދިޔައީ އޭނާގެ ޗުއްޓީގަ އެވެ. އޭނާ އެ ރަށަށް ދިޔަ ފަހުން ހުން އައިސް ހުރުމުން އޭނާ މީގެކުރިން ބެހެއްޓީ ގޭގައި އެކަހެރިކޮށްފަ އެވެ.

މީގެއިތުރުން ކުރެއްދޫގައި ހުރި އިޓަލީ މީހާ، މާލޭގައި ދެ ދުވަހު މަޑުކުރި ކަމަށް މިއަދު ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އޭނާ މަޑުކޮށްގެން ހުރީ މާގިރި ހޮޓެލްގަ އެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މާގިރި ހޮޓެލްގެ 15 މީހަކާ އެ ޓޫރިސްޓް ކޮންޓެކްޓްވި އެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ.

ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭނާ ކަރަންޓީނުކޮށް ސާންޕަލްތައް މިއަދުގެ ވަގުތެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭނާ ކަރަންޓީނު ކުރަނީ ފަރުކޮޅުފުށީގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!