އިޓަލީގެ ފަތުރުވެރިޔާގެ ހާލަތު ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް ނޭންގީ ކީއްވެގެންތޯ ބެލުމުގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ ފަތުރުވެރިޔާ ރާއްޖެއިން ބޭރުވިއިރު ޕޮޒިޓިވް ވެފައިވާކަމަށް ބެލެވޭއިރު އޭނާ އާއި ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ، އެ ފަތުރުވެރިޔާ ފުރައިގެން ދިޔަ އިރު ބަލިވެ ހުރިތޯ އާއި، އެހެން ކަމަށް ވަނަމަ އޭނަ އަށް ފުރައިގެން ދެވުނީ ކިހިނެއްތޯ މިހާރު ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ފަތުރުވެރިޔާ އެއާޕޯޓުން ފުރައިގެން ދިޔައިރު އެ ފަތުރުވެރިޔާގެ ކޮންޓެކްޓް ޓްރޭސިންގ އާއި މުޅި އެއާޕޯޓުން އޭނާ އާ ބައްދަލުވެދާނެ ކަމަށް ބެލެވޭ މީހުންނާއި އޭނާ އަށް ޓްރީޓުކޮށްފައި ހުރި މީހުންނާ އެކަންކަން ބެލުމުގެ ކަންތައްވެސް ކުރިއަށް ދާ ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.