ށ. ފޯކައިދޫގައި ނުވަ މީހަކު ސެލްފް އައިސޮލޭޝަންގައި ތިބި ކަމަށާއި އޭގެ ތެރެއިން އެކަކު ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް މިއަދު ގެންދާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ފޯކައިދޫއިން މިއީ ކަރަންޓީނަށް ގެންދާ ދެވަނަ މީހާ އެވެ. މީގެކުރިން އެ ރަށަށް ޗުއްޓީއަށް ގޮސް ހުރި ކުރެއްދޫ ރިސޯޓްގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ ވަނީ ކަރަންޓީނުކޮށްފަ އެވެ. އޭނާގެ ޓެސްޓްތައް ހަދާފައިވާއިރު އަދި ނަތީޖާއެއް ނުލިބެ އެވެ. އޭނާ އެ ރަށަށް ދިޔަ ފަހުން ހުން އައިސް ހުރުމުން އޭނާ މީގެކުރިން ބެހެއްޓީ ގޭގައި އެކަހެރިކޮށްފަ އެވެ.
ފޯކައިދޫގެ ދެ މީހަކު ކަރަންޓީނަށް ގެންދިޔަ ނަމަވެސް އެ ރަށުގައި ޕެނިކްވާން ޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރޭ ވަނީ ވިދާޅުވެފަ އެވެ.
ކުރެއްދޫ ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފު މިހާރު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ މީހުން ވެސް ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. ކުރެއްދޫ ރިސޯޓް މިހާރު އޮތީ މީހުން އަރާ ފޭބުން މަނާކޮށްފަ އެވެ. އެ ރަށުގައި މި ވަހުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ.
ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.