ކޮވިޑް-19: ޕޮޒިޓިވްވި އިޓަލީ މީހާ 2 ދުވަހު މާލޭގައި ހުރި

ގައުމަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހާ، މާލޭގައި ދެ ދުވަހު ހުރިކަން ސަރުކާރުން ހާމަކޮށްފި އެވެ. އޭނާ މަޑުކޮށްގެން ހުރީ މާގިރި ހޮޓެލްގަ އެވެ.

އަދި ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ވެސް ދިޔަ ކަމަށް ދެންމެ ބުނެފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އިޓަލީ މީހާ އަށް ފުރޭ ގޮތް ނުވުމުން މާލޭގައި ދެ ދުވަހު ހުރި ކަމަށެވެ. އެހެންވެ އޭނާއާ ކޮންޓެކްޓްވި މީހުން ހޯދައި، އޭގެ ތެރެއިން އެކެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނާތީ ކަރަންޓީނުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޓޫރިސްޓް މީހާގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފަކަށް ބަލި ޖެހި އެ ދެ މީހުން ވަނީ ކަރަންޓީނުކޮށްފަ އެވެ.

މަބްރޫކް ވިދާޅުވީ ޓޫރިސްޓް މީހާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަމުން ދަނިކޮށް ފުރައިގެން ދިއުމަށް މެދުވެރިވި ގޮތާއި އެ މީހާއާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

އޭނާ ކަރަންޓީނުކޮށް ސާންޕަލްތައް މިއަދުގެ ވަގުތެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އޭނާ ކަރަންޓީނު ކުރަނީ ފަރުކޮޅުފުށީގަ އެވެ.

މީގެކުރިން ސަރުކާރުން ހާމަކުރި ގޮތުގައި އިޓަލީ މީހާ ޖުމްލަ 173 މީހަކާ އެކި ގޮތްގޮތުން ކޮންޓެކްޓްވިކަން ކޮންޓެކްޓް ޓްރޭސިންއިން ފާހަގަ ކުރެވިފައިވެ އެވެ.

އެ ޓޫރިސްޓަކީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރި މީހެކެވެ. އޭނާގެ ފަރާތުން އެ ރިސޯޓްގެ ދެ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ވަނީ ފެތުރިފަ އެވެ. އެ ދެ މީހުން މިހާރު ތިބީ ކަރަންޓީނުކޮށްފަ އެވެ. އެ ދެ މީހުން ކޮރޯނާއަށް ޕޮޒިޓިވްވި ނަމަވެސް ހާލު ރަނގަޅުވަމުން އަންނަ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

އޭގެ ދެ މީހުންގެ އިތުރުން ދެން ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ އިޓަލީގެ ޓޫރިސްޓެވެ. އެ ދެ މީހުން ވެސް ކަރަންޓީނުކޮށްފައިވާއިރު ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް މަބުރޫކު ވިދާޅުވި އެވެ.

ކުރެއްދޫ އާއި ބަތަލާ މިހާރު އޮތީ ލޮކްޑައުން ކޮށްފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!