ކޮވިޑް-19: ވިލިވަރުގައި 30 ކޮޓަރީގެ ކަރަންޓީނު ފެސިލިޓީއެއް

ކޮވިޑް-19 އިގެ ބަލި މީހުން ކަރަންޓީނު ކޮށްފައި ބޭތިއްބުމަށް 30 ކޮޓަރި ހިމެނޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އައިސޮލޭޝަން ފެސިލިޓީޒްއެއްގެ ގޮތުގައި ރަށެއް ހާއްސަ ކޮށްފި އެވެ.

މާލެއާ މާ ދުރުނޫން ހިސާބެއްގައި ކުރިން ވެސް ރިސޯޓެއްގެ ގޮތުގައި ހިންގި ވިލިވަރުގައި ގާއިމް ކުރި ކޮވިޑް-19 އިގެ އައިސޮލޭޝަން ފެސިލީޓީގައި 30 ކޮޓަރި ހުރެ އެވެ. އޭގެ ގެތެރެއިން 28 ކޮޓަރިއަކީ ސިންގަލް ރޫމެވެ. ދެން ހިމެނެނީ ޑަބަލް ރޫމްގެ ދެ ކޮޓަރި އެވެ.

ޓޫރިޒަމް އިންޑަަސްޓްރީ އަށް ކުރިމަތިވެފަައިވާ މައްސަލަތަކާއި ގެއްލުން ކުޑަކުރަން އަޅާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ވިލިވަރުގައި ކަރަންޓީނު ފެސިލިޓީ ހަދާފައި ވަނީ ކަރަންޓީނުކުރެވޭ މީހުންނަށް ވީހާ ވެސް ފަސޭހަވާނެ ގޮތަކަށް ކަމަށެވެ. ވިލިވަރުގައި ކޮޓަރިތައް ހަދާފައި ހުންނާނީ ޓޫރިސްޓަކު ކަރަންޓީނު ކުރަން ޖެހުނަސް، އެމީހަކަށް ގޯސް ތަޖުރިބާއަކަށް ނުވާނެ ފެންވަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކަރަންޓީނު ކުރެވޭ މީހުންނަށްް، އެކަނިވެރިކަން އިިހުސާސްވާ މިންވަރު ވީހާ ވެސް ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެތަނުގެ އިންތިޒާމްތައް ހަމަަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އެމީހަކަށް އެ ކަރަންޓީނު ޕީރިއަޑްގައި އެމީހާ މުޅި ދުނިޔެއާ ވަކި ނުވެ، ހިތްހަމަޖެހޭ ފެންވަރަކަށް އެތަން ގާއިމްކުރެވިފައި ވާނީ،” އަލީ ވިދާޅުވި އެވެ.

ވިލިވަރަކީ އަތަމާ ކުންފުންޏަށް ދޫކޮށް، އޭގެ ފަހުން މައްސަލަތަކެއް ކުރިމަތިވެ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެ ހަވާލުގައި އޮތް ރަށެކެވެ. އެރަށުގައި ކަރަންޓީނު ފެސިލިޓީއެއް ހެދީ މިނިސްޓަރު ވިދާޅުވި ގޮތުގައި އެރަށް ވަގުތީ ގޮތުން ދައުލަތަށް ނެގުމަށް ފަހުގަ އެވެ. އެރަށުގައި ކަރަންޓީނު ފެސިލިޓީ ގާއިމްކުރަން ހަރަދު ކުރީ ޓޫރިޒަމް އިންޑަސްޓްރީގެ ޓްރަސްޓް ފަންޑުންނެވެ. އެމަސައްކަތަށް ހަރަދުވީ 2.1 މިލިޔަން ރުފިޔާ ކަމަށް އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއީ ކޮރޯނާގެ ބަލިމަޑު ކަމާ ކުރިމަތިލައި ތައްޔާރުވުމުގެ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ތެރެއިން ޓޫރިޒަމް އިންޑަސްޓްރީން ކުރި މަސައްކަތެއް ކަމަށެވެ.

“މިއީ ދުރާލާ ކުރި މަސައްކަތުގެ ނަތީޖާ. މިކަން ކޮށްފައިވަނީ 10 ދުވަހުގެ ތެރޭގައިު ޓޫރިޒަމް ޓްރަސްޓް ފަންޑުން،” އަލީ ވަހީދު ވިދާޅުވި އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން ގެންދިޔަ، މި ރަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކޮވިޑް-19 އިގެ ބަލި މީހުންނަށް ހާއްސަ ފެސިލީޓީއަކަށް ބަދަލު ކޮށްފަ އެެވެ. ކޮވިޑް-19 އިގެ ބަލި މީހުނަށް ހާއްސަ ކުރަން ވިލިވަރު ދީފައި ވަނީ ރަށުގެ ވެރިޔާ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ޖަނާހު ވިދާޅުވީ ވިލިވަރު ސަރުކާރަށް ދިނީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ތިން މަސް ދުވަހަށް ކަމަށެވެ.

“ރަށުގެ މަސައްކަތް ހުއްޓާލާފަ ހުރިހާ މީހުން ބާލައި ތިން މަހަށް މި ރަށް ސަރުކާރަށް ދިނީ މިހާރުގެ ހާލަތުން ސަރުކާރުން އެންމެ އެހީތެރިކަން ބޭނުންވާނެ ވަގުތަކީ މިއީ ކަމަށްވާތީ. ސަރުކާރުން އެދިއްޖެނަމަ އަދި ވެސް އިތުރަށް މުއްދަތު ލިބޭނެ،” ޖަނާހު ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!