ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުުގައި ކްރޮސްރޯޑްސް މޯލްޑިވްސްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނުދެވޭ ގޮތަށް، ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ކްރޮސްރޯޑްސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ތަނުގެ މުވައްޒަފުންނާއި، ފަތުރުވެރިންގެ ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން އެތަނުން ފުރަތަމަ ބަލާނީ އެތަނުގެ މުވައްޒަފުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް އެ ރިސޯޓުން ބުނެއެވެ.
އެގޮތުން ބަންދު ކުރުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ފިޔަވަޅު އެޅީ ކްރޮސްރޯޑްއިން ކޮރޯނާގެ އެއްވެސް އަލާމާތެއް ފެނިގެނެއް ނޫނެވެ. މިހާރު ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. އެހެންވެ ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އައުން ވެސް މަނާކޮށްފަ އެވެ.