ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ދެ މީހަކު ރާއްޖެއިން ފެނުނު ނަމަވެސް ކަންބޮޑުނުވެ، ޑޮކްޓަރުންގެ އިރުޝާދުތަކަށް އަމަލުކުރައްވަމުން ގެންދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް 19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މިވަގުތު ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ވަޑައިނުގެން ޑޮކްޓަރުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފަޔާއި އިރުޝާދަށް ޢަމަލުކުރައްވަމުން ގެންދެވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޯވިޑް 19 އާ ގުޅިގެން މިވަގުތު ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ނުދިއުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވާއިރު، ކޯވިޑް-19އާއި ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކޮންމެ ޚަރަދެއް ކުރުމަށް ރައީސް ޞާލިޙް ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގަވާފައެވެ.
މީގެ އިތުރުން ރާއްޖެއިން ކޯވިޑް-19އަށް ދެމީހަކު ޕޮޒިޓިވްވިކަން ސަރުކާރުން އިއުލާނުކޮށްފައި ވީނަމަވެސް ރައްޔިތުން ހާސްވެ ކަންބޮޑު ނުވުމަށް ކަމާބެހޭ އިދާރާތުން ވަނީ އިލްތިމާސްކޮށްފައެވެ.