ބަތަލާ ރިސޯޓުގައި 11 މީހަކު ރޫމް ކަރަންޓީން ކޮށްފި

ބަތާލާ އައިލޭންޑް ރިސޯޓުގައި 11 ފަރާތެއް ރޫމް ކަރަންޓީނުގައި އެބަތިބި ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިހާތަނަށް މި ބައްޔަށް ޓެސްޓު ކުރެވިފައިވަނީ 24 ފަރާތެއްގެ ކަމަށާއި އޭގެތެރެއިން ޕޮޒިޓިވް ވެފައިވަނީ ދެ ފަރާތެއް ކަމަށެވެ. އަދި 20 ފަރާތެއް މި ބައްޔަށް ނެގެޓިވް ވެފައިވާއިރު ދެ މީހެއްގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށް އަމީން ވިދާޅުވިއެވެ.

ބަތަލާ އައިލެންޑްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން، އޭނާގެ ޓެސްޓުތައް ހެދުމަށާއި މޮނިޓަރ ކުރުމަށްޓަކައި އެ ރިސޯޓަށް އަރައިފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ފަރުކޮޅުފުށީގައި 8 މީހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށާއި، އިތުރު 2 ފަރާތެއް ކަރަންޓީންގައި އެބަތިބި ކަމަށެވެ. އަދި ކުރެއްދޫގައި 93 ފަރާތެއް ރޫމް އައިސޮލޭޝަންގައި ބަހައްޓާފައިވާ އިރު، ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި މިހާތަނަށް ކުރެއްދޫއިން 80 ފަރާތެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު ށ.ފޯކައިދޫއިން ޓެސްޓު ކުރުމަށް ކަރަންޓީނު މަރުކަޒަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން މިރޭ ވަނީ ބުނެފައެވެ. މި މީހާއަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގެ މުވައްޒަފެއް ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކުރެއްދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް 2 މީހުންގެ ޙާލު ރަނގަޅުކަމަށެވެ. އަދި މިހާތަނަށް އިތުރު އެއްވެސް ކަމެއް އެ ދެމީހުންގެ ގައިން ފެނިފައި ނުވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!