ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ޕާކިސްތާންގައި އައު ފިޔަވަޅުތަކެއް

ޕާކިސްތާނުން ވަނީ އެއްމިލިއަން ވެބްސައިޓް ބަންދުކޮށްފައެވެ. އަދި އަދި އިދިކޮޅު ފަރާތްތަކަށް ޓީވީގައި ޚިޔާލު ފާޅުކުރުމަށް ފުރުސަތު ނުދިނުމަށް ނިންމާފައެވެ. މިދޔަ އެއް އަހަރުގެ ތެރޭގައި ޚިޔާލު ފާޅުކުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން ޕްރިންޓް މީޑިއާއަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން ލައިވްކޮށް ޕްރެސް ކޮންފަރެންސް ދިނުން ވަނީ މަނާކޮށްފައެވެ. ސިފައިންނާއި ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ މަޝްރޫއަށް ފާޑުކިޔާ ފަރާތްތަކުގެ ވާހަކަތަކަށް ޕްރިންޓް މީޑިއާގައި ޖާގައެއް ނެތެވެ.

ސިފައިންގެ ހިތްވަރާއެކު އިމްރާން ޚާންގެ ސަރުކާރުން ވަނީ މަދަނީ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅާފައި ކަމަށް ޕާކިސްތާންގެ އިންސްޓިއުޓް ފޯރ ރިސާޗް އެޑްވޮކަސީ އެންޑް ޑިވެލޮޕްމެންޓްއިން ވަނީ ބުނެފައެވެ. މި އިންސްޓިއުޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަރުކާރާ ދެކޮޅަށް ޕްރައިވެޓް މީޑިއާގައި މީހަކު ޚިޔާލު ފާޅުކޮށްފިނަމަ އެމީޑިއާގެ މައްސަލަ ބެލުމަށް ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓްރީ އޮތޯރިޓީއިން ނަސޭހަތެއްދީ ބަޔާންނަގައި ހެދުމަކީ އާންމު ކަމެކެވެ. އަދި އަނެއް ބައި ފިޔަވަޅުތަކުގައި ދީނަށް ހުތުރުވާފަދަ ކޮމެންޓްތައް ހުރިކަމަށާއި ބަރަހަނާ މަންޒަރުތައް، ނުވަތަ ސިފައިންނާއި ޝަރުއީދާއިރާއަށް ހުތުރުވާފަދަ ކޮމެންޓްތައް ހުރިކަމަށް ބުނެ ވެބްސައިޓްތައް ބްލޮކް ކުރެއެވެ. މިފަރާތުން ބުނެފައިވާ ގޮތުގައި ތަހްރީކޭ އިންސާފް ޕާޓީގެ ވެރިކަމުގައި މެއިންސްޓްރީމް މީޑިއާއި މީސް މީޑިއާ ބަންދުކޮށް ޚުދުމުޚުތާރު ގޮތްގޮތަށް ބާރުތައް ބޭނުންކޮށްފައި ވެއެވެ.

ސަރުކާރުން ޚިޔާލު ފާލުކުރުމާ ދެކޮޅަށް ދެން އަޅާފައިވާ އަނެއް ފިޔަވަޅަކީ، މީސްމީޑިއާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކެވެ. ޕާކިސްތާނުން ވަނީ މީސްމީޑިއާ ހިންގާ ފަރާތްތަކުން ޕާކިސްތާންގައި އޮފީސް ހުޅުވުން މަޖުބޫރުކޮށްފައެވެ. އަދި އެފަދަ ޚިދުމަތްތައް ބޭނުން ކުރާ މީހުންގެ މަޢްލޫމާތާއި އެފަރާތްތަކުގެ ޓްރެފިކްއާ ބެހޭ މަޢްލޫމާތު އިންވެސްޓުގޭޝަނަކަށް ބޭނުންވެގެން އެދިއްޖެނަމަ ދިނުން ލާޒިމުކޮށްފައެވެ. އަދި މިކަމަށް ހުރަސް އަޅާފަރާތެއް 500 މިލިއަން ޕާކިސްތާން ރުޕީސްއިން ޖުރިމާނާ ކުރުންވެސް ހިމެނެއެވެ.

އިނގިރޭސިބަހުން ނިކުންނަ އެކްސްޕްރެސް ޓްރިބިއުންއިން ބުނެފައިވަނީ ޚާންގެ ސަރުކާރަކީ ފާޑުކިއުމަށް ވަރަށް ހައްސާސް ސަރުކާރެއް ކަމުގައެވެ. އަދި މި ގާނޫނު ބޭނުންކޮށްގެން އިދިކޮޅު މީހުއް ގިއްގަޅުވަން ބޭނުންވާ ކަމުގައެވެ.

ޑޯން ނޫހުގައި ބުނެފައިވަނީ މިއިން ފެންނަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންޓްރޯލް ކުރުމުގެ ހުރިހައި ނިޝާނެކެވެ. އަދި ޑޯންގެ އެޑިޓޯރިއަލްގައި ޚާންގެ ސަރުކާރުގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ސިޔާސަތަށް ފުޅާކޮށް ފާޑުކިޔާފައި ވެއެވެ.

ސިފައިންގެ އިޝާރާތަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުންދާއިރު ޚާން ބޭނުންވަނީ އޭނާއަކީ އައު ޕާކިސްތާންގެ މިނިވަން ޚިޔާލުގެ ލީޑަރެއްކަން ދައްކާށެވެ. ނަމަވެސް އޭނާ ފެންނަނީ ޚުދު މުޚުތާރު އަދި ސިފައިންގެ ގޮނޑިކޮއްކޮއެއްގެ ގޮތުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!