ފޮޓޯ: ދަ ޕްރެސް

މިއަދު 1 އަށް ރައީސް ޔާމީން ފުލުހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު 1 އަށް ފުލުހަށް ހާޒިރު ވާން އަންގައިފިއެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ވާން އަންގާފައި ވަނީ ކޮން މައްސަލައަކާ ގުޅިގެން ކަން ސާފެއް ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި، ވަގުތު ކުޑަތަންވެފައި ވަނިކޮށް ފުލުހަށް ހާޒިރު ވާން ޔާމީނަށް އެންގުމުގެ ސަބަބުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ވަކީލު ބައްދަލުވުން ކެންސަލް ކުރަން އެދިފައެވެ.

ރާއްޖޭން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، މިފަދަ ދަނޑިވަޅެއްގައި ވެސް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަަން އެންގުމުން އެމަނިކުފާނު ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

“މުޅި ރާއްޖެއަށް ރޭގައި ލިބުނު ބޮޑު ސިހުމެއް، ނުރައްކާތެރި ރޯގާއެއް ރާއްޖޭން ފެނުނު ހަބަރެއް، އެކަކު އަނެކަކަށް ހަމްދަރުދީ ވާން ވީ ވަގުތު، އެކަމަކު ފުލުހުންގެ މުއައްސަސާއިން އަވަސްވެގަތީ މި ވަގުތު ވެސް ރައީސް ޔާމީން ހާޒިރު ކުރަން، މިއަށްވުރެ މުހިއްމު ކަމެއް ހަމަ ނެތީތޯ،” ޖަމީލުގެ ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ފުލުހުން ބަލަމުންދާއިރު، ޔާމީން ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް އެމަނިކުފާނަށް އިއްވީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑާ ކުރެއްވި މައްސަލާގަ އެވެ.

މާފުށީ ޖަލުގައި ރައީސް ޔާމީން ހުކުމް ތަންފީޒު ކުރަން ފެށި ފަހުން ފުލުހުން ތަހުގީގު ކުރަން ފާށާފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެމަނިކުފާނު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!