ގާނޫނަށް ގެނައި އެންމެ މުހިއްމު ބަދަލަކީ ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރެވުން: ރައީސް

މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ މުހިއްމު ބަދަލަކީ ކައުންސިލަތކުގައި އަންހެނުންނަށް ގޮނޑިތަކެއް ހާއްސަކުރެވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި މިއަދު އެމްޑީޕީން ކުރިއަށް ގެންދާ އަންހެނުންގެ ރޫހުގެ ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ހަމަޖެއްސުމުން ލިބޭ ފައިދާތައް މިހާރު ވެސް ފެންނަން ފަށައިފި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އޭގެ ފައިދާ ފެންނަމުން ދާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ކުރި ގޮނޑިތަކުގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ދައުރުވެސް ރާއްޖޭގެ ތަަރައްގީއަށް މުހިއްމެވެ. ކޮމިޓީގެ މެމްބަރުންނަށް އުޖޫރައެއް ދޭން ނިންމާފައިވާ ކަމަށާއި އެ ކޮމިޓީތައް ހިންގުމަށް ޓަކައި ކައުންސިލްތަކުގެ ބަޖެޓްގެ ފަސް ޕަސެންޓް ދޭން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަންހެނުން ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވާ އަދި ވަޒީފާގެ ބާޒާރުގައި އަންހެނުންނަށް ހުރި ގޮންޖެހުންތަށް އެމްޑީޕީން ހައްލިކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ގޭގައި ތިބެގެން އާމްދަނީ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަށް ހައްލުކޮށްދިނުމާއި އަންހެނުންނަށާއި ފިރިހެނުންނަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ހަމަހަމަ ކަމަށް ބަދަލެއް ގެނުވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!