ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބްރޫނާއީގެ ސެކަންޑް ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާރު ބްރޫނާއީ ދާރުއްސަލާމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް 2 ދާތޯ ސެރީ ސެތިއާ ހާޖީ އެރިވަން ބިން ޕެހިން ދާތޫ ޕެކަރްމާ ޖާޔާ ހާޖީ މުހައްމަދު ޔޫސުފް އާއި މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

ބަންދަރްސެރީ ބެގަވާންގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުންނާއި ދެޤައުމުގެ ޚާރިޖިއްޔާގެ މެދުގައި ގުޅުން ހަރުދަނާކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ދެއްވާ ސްކޮލަރޝިޕްތަކަށް ޝުކުރު އަދާކުރައްވައި، އިތުރު ސްކޮލަރޝިޕްގެ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތައުލީމުގެ ފުރުސަތުތައް ހޯދައިދެއްވުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ވިދާޅުވެ، އިޖްތިމާޢީ ތަރައްޤީއަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ބްރޫނާއީގެ ވަޒީރާ މިނިސްޓަރ ޝާހިދު ހިއްސާކުރެއްވިއެވެ. އަދި މީގެ އިތުރުން ރާއްޖޭގައި ކާބޯތަކެތި ހަލާލް ސެޓްފިކެޓަށް ޓެސްޓްކުރުމަށް ޚާއްސަ ލެބޯޓްރީއަށް ޤާއިމްކުރުމަށް ބްރޫނާއީގެ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު އެދިވަޑައިގަތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!