ރައީސް ވަހީދާއި ރައީސް ނަޝީދަކީ މިހާރުވެސް ދެ މިތުރުން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ނާއިބެއްގެ ގޮތުގައި ހުންނެވުމަށްފަހު ފަހުން ވެރިކަމަށް ވަޑައިގެންނެވި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާ ދެމެދު އޮތް ގުޅުން މިހާރުވެސް ބަދަހި ކަމަށާއި އެއްވެސް ކަހަލަ ހިންހަމަނުޖެހުމެއް ނެތް ކަމަށް ޑރ. ވަހީދު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ ވަހީދު ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާގައި ކަމަށެވެ. އަދި ސިޔާސީ ދާއިރާއަށް ނިކުންނަވައި ރައްޔިތުންގެ މަޖިލީހުގައިވެސް ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އެމްޑީޕީ އުފެދުނުއިރު އެޕާޓީގައިވެސް ހަރަކާތްތެރިވެވަޑައިގެންނެވި ކަމަށެވެ.

2008 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުގެ ރަނިންމޭޓެއްގެ ގޮތުގައި އެމަނިކުފާނާއި އެކު އިންތިޚާބުގައި ވާދަކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތު ޑރ ވަހީދު ސިފަކުރެއްވީ ނިއުމަތެއްގެ ގޮތުގައެވެ. ޑރ ވަހީދު ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބު ބޯމަތިވެގެން އައިރު އެމަނިކުފާނު ހުންނެވީ އެހެން ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ކަމަށެެވެ. އޭރު އެމްޑީޕީގެ ވިސްނުން ހުުރީ އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށްވާއިރު ރިޔާސީ އިންތިހާބަށް އެޕާޓީން ޓީމެއް އެކުލަވާލި ކަމަށެވެ. އަދި ރަނިންމޭޓަކަށް ވުމުގެ ފުރުސަތު ލިބިވަޑައިގަތީ އެގޮތުން ކަމަށާއި އެއީ ރައީސް ނަޝީދުގެވެސް އެދިވަޑައިގަތުމުގެ މަތިން ލިބިވަޑައިގަތް ފުރުސަތެއް ކަމަށެވެ.

އިންތިޚާބުގައި ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީންވެސް ދައުވަތު ދިން ކަމަށާއި އެހެންނަމަވެސް އެންމެ ރަނގަޅުގޮތް ކަމުގައި ފެނިވަޑައިގަތީ އެމްޑީޕީގެ ރަނިންމޭޓަކަށް ވެވަޑައިގަތުން ކަމަށްވުމުން އެގޮތަށް ނިންމެވީ ކަމަށް ޑރ ވަހީދު ވިދާޅުވިއެވެ.

ޑރ ވަހީދު ވިދާޅުވީ އިންތިހާބު ކާމިޔާބުވެ ނާއިބުރައީސްގެމަގާމު ލިބިވަޑައިގަތުމުން އެއްވެސް ނުފޫޒަކާ ނުލާ ނާއިބުރައީސެއްގެ ދައުރު އަދާކުރުމުގެ ފުރިހަމަ ބާރާއި މިނިވަންކަން ލިބިވަޑައިގެންނެވި ކަމަށެވެ. އޭރު ހަވާލުކުރައްވާފައި އޮތީ އިޖުތިމާއީ ދާއިރާ ކަމަށާއި އޭގެ ތެރޭގައި ތައުލީމީ، ސިއްހީ އަދި ޑްރަގް ޕްރިވެންޝަންގެ ކަންކަން ހިމެނިފައިވާއިރު، އެ ދާއިރާތަކަށް ކުރިއެރުން ލިބުނު ކަމަށްވެސް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

ޑރ ވަހީދު ވިދާޅުވީ އޭރު އޮތީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. އަދި ކޯލިޝަންތަކުގެ ތެރޭގައި ނުތަނަވަސްކަންވެސް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި ތިމާމެންގެ އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ މީހުންވެސް ތިބޭނެ ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ސަރުކާރުގައިވެސް އެފަދަ ކަންކަން ހުރި ކަމަށާއި އޭގެ ސަބަބުން ސަރުކާރު ހިންގުމުގައި ދަތިތަކާވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ސަރުކާރުގެ ތެރޭގައި އުފެދިގެން ދިޔަ ބޮޑު ހަމަނުޖެހުމަކީ އެއީ އެމަނިކުފާނާއި ރައީސް ނަޝީދާ އޮތް ހަމަނުޖެހުމެއް ނޫން ކަމަށާއި އެއީ އޭރު އައި ސިޔާސީ ބޮޑު ބަދަލުގެ ތެރެއިން އުފެދިގެން އައި ހަމަނުޖެހުންތަކެއް ކަމަށެވެ.

އަދި ސަރުކާރު ބަދަލުވެގެން އައިއިރުވެސް އެމަނިކުފާނާއި ރައީސް ނަޝީދާއި ދެމެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި މިހާރުވެސް އެމަނިކުފާނާއި ރައީސް ނަޝީދާ އޮންނަ ގުޅުން ބަދަހި ކަމަށް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!