ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ބްރޫނާއީއަށް ފުރާވަޑައިގެންފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ބްރޫނާއީ ދާރުއްސަލާމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ބްރޫނާއީގެ ރަސްގެފާނު ސުލްތާން ހަސަނުލް ބޮލްކިއާ މުޢިއްޒުއްދީން ވައްދައުލާގެ އަރިހަށް މިނިސްޓަރ ޝާހިދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. މީގެ އިތުރުން ބްރޫނާއީގެ ފޮރިން މިނިސްޓަރ 2 ދާތޯ ސެރީ ސެތިއާ ހާޖީ އެރީވަން ބިން ޕެހިން ދާތޫ ޕެކަރިމާ ޖާޔާ ހާޖީ މުހައްމަދު ޔޫސުފް އާއި އެޑިއުކޭޝަން މިނިސްޓަރ ޔަންގް ބަރްހޯމާތު ދާތޯ ސެރޯ ސެތީ އަވަން ހާޖީ ހަމްޒާ ބިން ހާޖީ ސުލައިމާން އަދި ހެލްތު މިނިސްޓަރ ދާތޯ ސެރީ ސެތިއާ ޑރ ހާޖީ މުހައްމަދު އިޝާމް ބިން ހާޖީ ޖަފާރް އާއި ބައްދަލުކުރައްވާނެއެވެ.


މި ބައްދަލުކުރެެްވުންތަކުގައި ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާއި، އިޖްތިމާއީ އަދި އިޤްތިޞާދީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

ބްރޫނާއީއަށް މިނިވަންކަން ލިބުނުފަހުން ދެޤައުމުގެ މެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. 1987 ވަނަ އަހަރު ބްރޫނާއީގެ މިނިވަންކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން މާލޭގައި ހުންނަ އިސްލާމީ މަރުކަޒު ބިނާކުރުމަށް ބްރޫނާއީއިން 3 މިލިއަން ޑޮލަރުގެ އެހީ ދީފައިވެއެވެ. ދިވެހިރާއްޖެއާ ބްރޫނާއީ ދެޤައުމަކީވެސް ކޮމަންވެލްތު އަދި އޯ.އައި.ސީގެ މެމްބަރު ޤައުމުތަކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!