ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ހައްލު ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން: ރައީސް

ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލައަކީ، އެކަންކަމުން ލިބޭ ގެއްލުމުގެ ނުރަނގަޅު އަސަރު އެ ކުދީންގެ މުޅި ހަޔާތަށް ދެމިގެންދާ ބޮޑެތި މައްސަލަތަކެއް ކަމަށާއި، އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ މިފަދަ ކަންބޮޑުވާ މައްސަލަތައް ހައްލު ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ “ސެލެބްރޭޓިންގ އަ ޑިކޭޑް އޮފް ޑިފަރެންސް” ގެ ނަމުގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުރާސްފަތި ދުވަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވު މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މިހާރަށްވުރެ ހަރުދަނާކަމާއެކު މަސައްކަތް ކުރެއްވުމަށް ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ގޮވައިލައްވާފައެވެ. އަދި، ކަމާއިބެހޭ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިދާއިރާގެ ފަންނީ ބޭފުޅުން މަދުވުމަކީ އެއް މައްސަލަ ކަމަށެވެ. އެގޮތުން އިޖްތިމާއީ ކުރިއެރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ އަދި ޖަމާއަތްތަކުގެ ދައުރު އިތުރަށް ފުޅާކޮށް، އެ ފަރާތްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގަންނަވާފައެވެ.

ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލަތައް ހައްލު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާ ރައީސް ސޯލިހު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން މިފަދަ މައްސަލަތައް ބެލުމަށް ޚާއްސަ ކޮމިޝަނެއް އުފައްދަވާފައިވާ ކަމަށާއި، އެ ކޮމިޝަނުގެ މަސައްކަތަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި އެހެނިހެން ގަވާއިދުތަކުގެ ދަށުން، ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މައުލޫމާތު ހޯދައި އެކަމުގެ ފުރިހަމަ ދިރާސާއެއް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު މިދިޔަ އަހަރުގެ ތެރޭގައި ތަޞްދީގުކޮށް، މިހާރު އަމަލުކުރަން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހަމައެއާއެކު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ތަޞްދީގުކޮށްފައިވާ ކަމާއި، އަންހެނުންނާއި މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ (ސީޑޯ) ގެ 16 ވަނަ މާއްދާއަށް، ދިވެހި ދައުލަތުގެ ފަރާތުން މީގެ ކުރިން ކޮށްފައި ހުރި ބައެއް އިޢުތިރާޟްތައް، އަނބުރާ ނަގައިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ރަސްމިއްޔާތުގައި 2019 ވަނަ އަހަރު އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަންގެ ކޯޕަރޭޓް އެމްބަސެޑަރުންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް އެޖަމްއިއްޔާގެ ފަރާތުންވަނީ ހަނދާނީ ފިލާދެއްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!