ސްކޫލް ބަންދުތެރޭ ގައުމުތަކަށް ދަތުރުކުރާއިރު ސަމާލުވާން އެދެފި

ކުރިއަށް އޮތް ސްކޫލު ބަންދުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވިދާޅުވީ، ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުން ދާއިރު، މިފެށޭ ސްކޫލް ބަންދުގައި ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުމުގައި ސަމާލުވުމަށް އިލްތިމާސްކުރައްވާކަމަށެވެ.

މިގޮތުން ދަތުރު ކުރުމުގެ ކުރިން، ދަތުރުކުރާ ޤައުމުގައި ބަލީގެ ހާލަތު ރަނގަޅަށް ދެނެގަތުމަށާއި، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ފަރުވާކުރާ ބަލިތައް ހުންނަ ފަރާތްތަކުން، ކޮންމެހެން ކުރަންޖެހިގެން މެނުވީ މިދުވަސްވަރު ރާއްޖެއިން ބޭރަށް ދަތުރު ނުކުރުން އެއީ އެންމެ އެދެވިގެންވާ ގޮތް ކަމަށެވެ.

މީގެއިތުރުން ދަތުރު ކުރާ ޤައުމުގެ ސަރުކާރުން، ބަލިން ރައްކާތެރިވުމަށް އެޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާއި، އާއްމުންނަށް
ދީފައިވާ އިރުޝާދުތަކަށް އަހުލުވެރިވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރު ކުރައްވާއިރު، ހުމާއި، ކެއްސުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނާއި ގާތްވެ ނޫޅުމަށާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން، ނުވަތަ ހޭންޑް ސެނިޓައިޒަރ ބޭނުންކުރުން އެޗްޕީއޭިން ލަފާދީފައިވެއެވެ.

މީގެ އިތުރުން ދަރުތުކުރާ ޤައުމެއްގެ ސަރުކާރުން، ރައްކާތެރިވުމަށް އަޅަން އަންގަވާފައިވާ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއް
ދިނުމަށާއި، ދަތުރުން އެނބުރި އަންނަތާ 14 ދުވަސްތެރޭގައި ހުންއައިސް ރޯގާ ޖެހުމާއި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ،
ގޭގައި މަޑުކުރެއްވުމަށާއި 1676 އަށް ގުޅުއްވައި ދަތުރުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ދުނިޔޭގައި ކޯވިޑް-19 އެއްދުވަހުން އަނެއް ދުވަހަށް ވަރަށް ހަލުވިކަމާއެކު ބަދަލުވަމުންދިއުމާއެކު، ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ލަސްކުރެއްވުން ނުވަތަ ނުވަތަ ދަތުރު ނުކުރެއްވުމަކީ މިވަގުތު އެންމެ ރައްކާތެރިގޮތް ކަމުގައި އެޗްޕީއޭއިން ދެކޭކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!