ވަރުގަދަ އާލާތްތަކެއް ގެނެސް, ޑްރަގް އޮޕަރޭޝަންތައް ވަރުގަދަކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބާރުގެ ބޭނުންކޮށްގެން ތަންތަން ވަންނަން ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ފުލުހުން މިއަދު ބޭނުންކުރަން ފަށައިފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައެއް ގެތައް މިހާރު ހަދާފައި ހުންނަނީ ދަގަނޑު ގޭޓްތައް ލައި ސެކިއުރިޓީ ވަރަށް ވަރުގަދަކޮށެވެ. ހުރިހާ ދޮރެއް ބަންދުކޮށްފައި ހުންނަނީ ދަގަނޑު ގޭޓްތަކުންނެވެ. އެއީ ފުލުހުން އެ ތަންތަން ރެއިޑް ކުރާއިރު ވެސް ފަސޭހައިން ނުވަދެވޭނެ ގޮތް ހެދުމަށެވެ. ދޮރުތައް ވައްޓާލާފައި ވަންނަން ހޭދަވާ ވަގުތަކީ މަސްތުވާތަކެތި ފޮރުވަން ލިބޭ ފުރުސަތަކަށް އޮންނަނީ ވެފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ އޮޕަރޭޝަންތަކަށް ޒަމާނީ އާލާތްތަކެއް އިތުރުކޮށްފައިވާ ކަމަށެވެ.

މިއީ ނުރައްކާތެރި ހާލަތްތަކުގައި ފުލުހުންގެ އޮޕަރޭޝަންތައް ފަސޭހަކަމާއެކު ކުރިއަށް ގެންދަން މަގުފަހިކޮށްދޭނެ އާލާތްތަކެއް ކަމަށެވެ.


ފުލުހުން މިއަދު ބޭނުންކުރަން ފެށި އާލާތްތަކުގެ ތެރޭގައި ދޮރު ހުޅުވުމަށާއި ދޮރު ވައްޓާލުމަށް ބޭނުންކުރާ ހައިިޑްރޯލިކް އިކްއިޕްމެންޓަކާއި ފާރުފަދަ ތަންތަން ތޮރުފަން ބޭނުންކުރާ ޒަމާނީ އިކްއިޕްމެންޓްތައް ހިމެނެ އެވެ.

“މިއީ އެންމެ ޒަމާނީ އިކްއިޕްމެންޓް، ދެން ޑްރަގް އޮޕަރޭޝަންތަކުގައި ތަންތަނަށް ވަންނަން ނަގާނީ މަދު ސިކުންތު ކޮޅެއް،” ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މަރުކަޒުތަކެއްގެ ގޮތުގައި ބެލެވޭ ފަސް ގެއެއް މިހާތަނަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެއީ ގ. ޕެލިކަން، ގ. މެމަރީވިލާ، މއ. ބޯކެޔޮގަސްދޮށުގެ އަދި މ. އެވަރެސްޓްއާގެ އަދި މ. ލޮނުމިދިލިގެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!