ދައުލަތައް ލިބުނު އާމްދަނީއަށްވުރެ ކުރި ހަރަދުތައް އިތުރުވެއްޖެ

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އަށްވުރެ ހަރަދު އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ މި އަހަރުގެ އަށްވަނަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާގޮތުން އާމްދަނީގެ ގޮތުގައި ދައުލަތަށް 3.4 ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދު ކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތުގެ ދަތުރުތަކަށް އެކަނިވެސް 22.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ދަތުރުތަކަށް ހޭދަކުރި އަދަދަށްވުރެ މަދު މިންވަރެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 29.2 މިލިއަން ހަރަދުކޮށްފައިވެއެވެ.

ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ފާއިތުވި އަށް ހަފްތާގެ ތެރޭގައި 764.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އާސަންދައަށް ދައުލަތުގެ ބަޖެޓުން ފާއިތުވި އަށް ހަފްތާ ތެރޭގައި 99 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ޖީއެސްޓީގެ ގޮތުގައި މިދިޔަ ހަފްތާ ދައުލަތަށް 1.2 ބިލިއަން ރުފިޔާ ލިބުނުއިރު، މި މުއްދަތިގެ ތެރޭގައި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ދައުލަތަށް 125 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 126 މިލިއަން ރުފިޔާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!