ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތް ކުރި ކިންގް ސަލްމާން މިސްކިތް މި ރޯދަ މަހުގެ ކުރިން ހުޅުވަން ރައީސް އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާލެ އާއި ހުޅުމާލޭގެ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރަން ބޭއްވި ހަފްލާއެއްގައި، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުލް އަޒީޒް އިސްމާއިލް ވިދާޅުވީ، ކިންގް ސަލްމާން މިސްކިތާ ގުޅޭ ކަންކަން ކުރިއަށް ގެންދަނީ ސީދާ ރައީސް އޮފީހުން ކަަމަށެވެ. އަދި ރޯދަ މަސް ފެށުމުގެ ކުރިން އެ މިސްކިތް ހުޅުވަން ރައީސް އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
“ރައީސް އޮފީހުގެ ވިސްނުންފުޅު އޮތީ ހަމަ ރަމަޟާން މަހަށް ހުޅުވޭ ވަރު ވޭތޯ،” އަޒީޒް ވިދާޅުވި އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފަށާނީ އަންނަ މަހުގެ 24 ގަ އެވެ.
އަޒީޒް ވިދާޅުވި ގޮތުގައި، ރައީސް އޮފީހުން އަންނަނީ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތްތަކާ ގުޅުން ހުރި ފަރާތްތަކާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ. އަދި އެ މިސްކިތުގެ ގިނަ މަސައްކަތްތައް މިހާރު ހުރީ ނިމިފައި ކަމަށާއި ދެން ހުރީ މިސްކިިތަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ސާމާނު ހޯދުމުގެ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓްރީއަކުން ހިއްސާ އެއް ނުކުރެ އެވެ.