2012 ވަނަ އަހަރު އޮތް ވެރިކަން ބަދަލުނުކުރިނަމަ މިނިމަމް ވޭޖް މިއަދު އޮންނާނީ ކަނޑައެޅިފައި

2012 ވަނަ އަހަރު އޭރު އޮތް އެމްޑީޕީގެ ސަރުކާރު ބަދަލުނުކުރިނަމަ މިނިމަމް ވޭޖް މިއަދު އޮންނާނީ ކަނޑައެޅިފައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާމިކް ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖަށް ހިޔާލު ހުށަހެޅުމަށް ރޭ ބޭއްވި ބައްދަލުވުމުގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް އެންމެ ފުރަތަމަ ވޭޖް ބޯޑެއް އެކުލަވާލީ ވެސް އޭރު އޮތް އެމްޑީޕީގެ ސަރުކާރުގައި ކަމަށާއި ރާއްޖެ އަށް ބައިވަރު އާ ކަންކަން އެ ސަރުކާރުން ތައާރަފްކުރި ކަމަށެވެ.

އެގޮތުން އާސަންދަ އާއި އެކަނިވެރި މައިންނަށްދޭ އިނާޔަތާއި އަދި މިނިމަމް ވޭޖުގެ މަސައްކަތް ވެސް އޭރު ފެށިގެންދިޔަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

“އަޅުގަނޑު ހަމަ ދަންނަވާނީ ބަޣާވާތަކުން ވެރިކަން ވައްޓާލީމާ، މިއަދު އައިއިރުގައި މިނިމަމް ވޭޖު ކަނޑަނޭޅީ މިއޮތީ. އެހެންނަމަ އޮންނާނީ ކަނޑައެޅިފައި މިއަދު” ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިހާރު މި އުޅެނީ މިނިމަމް ވޭޖު ކަނޑައަޅަން ކަމަށާއި ނަމަވެސް އެކަން ކުރުމަށް ވަގުތު ލިބިފައިވަނީ އެންމެ ހިތްގައިމު ގޮތަކަށް ނޫން ކަމަށެވެ. ނަމަވެސް މިއީ ރައްޔިތުންގެ ކަންބޮޑުވުން ވެސް ހުރި ކަމަކަށްވުމާއެކު ވީ އެންމެ އަވަހަކަށް މިކަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން މިވަގުތު މިނިމަމް ވޭޖު ކަނޑައެޅިން އެންމެ ރަނގަޅު ނޫން ކަމަށް ވޭޖު ބޯޑުން ބުނެފައިވާއިރު ފައްޔާޒު ވިދާޅުވީ ވައިރަހުގެ ނުރައްކާ ގާތްގަނޑަކަށް ކުރިއަށް އޮތް ހަ މަސްދުވަހަށް ދިގު ދެމިގެން ގޮސްފިނަމަ އޭގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އޭރުން ސަރުކާރުން ކުރިއަށްގެންދާ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ވެސް މަޑުޖައްސާލަންޖެހޭނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!