ސޮނީ ޓީވީން ދައްކަމުން އަންނަ މަގުބޫލު ސިލްސިލާ “ބޭހަދު 2” މި މަހުގެ ތެރޭގައި ސޮނީ ޗެނެލުން ދެއްކުން ހުއްޓާލައި، އެ ނެޓްވޯކްގެ ޑިޖިޓަލް ޕްލެޓްފޯމަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުނާ ވާހަކަތައް ސޮނީން ދޮގުކޮށްފި އެވެ.
ސޮނީ އެންޓަޓައިންމަންޓް ނެޓްވޯކުން ނެރުނު ބަޔާނެއްގައި ބުނީ “ބޭހަދު 2” އާ ބެހޭ ގޮތުން މީޑިއާތަކުގައި މި ދުވަސްކޮޅު ދެކެވެމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެހެންވެ ސޮނީ ޗެނެލުން ސިލްސިލާ ދެއްކުން ހުއްޓާލައި، ސްޓްރީމިން ޕްލެޓްފޯމް ސޮނީ ލިވް އެޕަށް އެ ބަދަލުކުރަން އުޅޭ ކަމަށް ބުނާ ވާހަކަތަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ބުންޏެވެ.
“ހަމަ ކުރިން ވެސް ޕްލޭންކޮށްފައި އޮތް ގޮތަށް ބޭހަދު ދޭއް ދައްކަމުން އަންނާނީ ސޮނީ ޗެނެލުން.” ސޮނީ އެންޓަޓައިންމަންޓްގެ ބަޔާނުގައި ބުންޏެވެ.
ބައެއް މީޑިއާތަކުން މި ހަފުތާގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ގައި ދައްކަން ފެށި “ބޭހަދު 2” މި މަހުގެ 13 އިން ފެށިގެން ސޮނީ ލިވް އެޕަށް ބަދަލުކުރަން އޮތީ ނިންމައިފަ އެވެ.
އަދި މިކަމާ ގުޅިގެން އޭގެ ލީޑް ބަތަލާ ޖެނިފާ ވިންގެޓް ހިތްހަމަނުޖެހިގެން ސިލްސިލާއިން ވަކިވުމުގެ އިޝާރާތަކެއް ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.