ޑިޕްރެޝަން ނުވަތަ ނަފްސާނީ ބަލިމަޑުކަން ދުނިޔޭގެ ނިސްބަތުން 322 މިލިއަން މީހުން ތަހައްމަލު ކުރަމުންދާ ބައްޔެކެވެ.އެހެންނަމަވެސް ޑިޕްރެޝަންއަކީ ކޮބައިކަން އަހަރުމެންގެ ތެރެއިން އިނގެނީ ވަރަށް މަދުބަޔަކަށެވެ. އާންމުގޮތެއްގައި ޑިޕްރެޝަންގެ ޝިކާރައަކަސް ވަނީ އުމުރުން 15 އަހަރާއި 29 އަހަރާއި ދެމެދުގެ މީހުންނަށެވެ.މިބަލި ނިސްބަތުން ބަލާއިރު ގިނައިން ފެންނަނީ އަންހެނުންގެ ކިބައިންނެވެ. ޑިޕްރެޝަންގެ އެންމެ ބޮޑު ނުރައްކަލަކީ،ބަލި ޖެހިފައިވާ މީހުން އަމިއްލައަށް މަރުވުމެވެ. އެގޮތުން ބަލައިލާއިރު އަމިއްލައަށް މަރުވާމީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ ޑިޕްރެޝަންގެ ޝިކާރައަށް ވެފައިވާ މީހުންނެވެ.މީގެ އިތުރުން މި ބައްޔަށް ފަރުވާއެއް ނުލިބި ހުންނަ މީހެއް އަމިއްލައަށް މަރުވެދާނެ ކަމުގެ ބިރު 20% އިންސައްތައިގައި އަބަދުވެސް ހުރެއެވެ. އެހެންކަމުން މި ބަލި ދެނެގަނެ މިބަލިން ރައްކާތެރިވުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަކީ މުހިއްމުކެކެވެ. އެގޮތުން އެންމެ ފުރަތަމަ އުފެދޭ ސުވާލަކީ،
ޑިޕްރެޝަން އަދި ޑިޕްރެޝަންއަށް މަގުފަހިވާ ކަންތައްތަކަކީ ކޮބާ؟
ކުރުގޮތަކަށް ބުނާނަމަ ޑިޕްރެޝަންއަކީ އަބަދުވެސް ދެރަވެފައި ހުރުމެވެ. ނުވަތަ ދިރިއުޅުން މަތިން ފޫހިވުމެވެ. ސިއްހީ މާހިރުންގެ ތަޢާރަފުގައި ޑިޕްރެޝަންއަކީ، މީހާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ، ހިތާމަތަކާ ކުރިމަތި ކުރުވާ، ކަންކަން ކުރާ ހިތް ކަނޑުވާލާ ނަފްސާނީ ބަލިމަޑު ކަމެކެވެ. އަދި އެކަމުގެ ސަބަބުން، އެމީހާގެ އިހުސާސްތަކާއި، ވިސްނުމާ، އުޅުމަށް ބޮޑެތި އަސަރުތަކެއް ކުރުވާ، މީހާގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމެއް ވެސް މެއެވެ. އެމީހާ ކުރަން ހުންނަ ކަންކަން ކުރާ ހިތް ނުވުމާ، ކާހިތްނުވުމާ، ކަންކަމާ ދެރަވެފައި ހުރުމާ، މާއަވަހަށް ރުޅިގަދަވުން ފަދަ ކަންކަމަކީ، މި ބަލި މަޑުކަމުގައި އުޅޭ މީހުންނާއި ދިމާވާނެ ކަންކަމެވެ. އަދި އޭގެ ސަބަބުން، ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ތަފާތު މައްސަލަތަކާއި ކުރިމަތިވުން ވެސް އެކަށީގެން ވެއެވެ. މިއީ ދިގު މުއްދަތަކަށް ދެމިގެންދާ ނަފްސާނީ ބައްޔެކެވެ.އެހެންކަމުން މިބަލީގެ ފަރުވާއަކީވެސް ދިގު މުއްދަތަކަށް ދެމިގެންދާ ފަރުވާއެކެވެ.
ޑިޕްރެޝަންއަކީ އެމީހެއްގެ ދިރިއުޅުމުގައި ދިމާވާ ކޮންމެވެސް ކަމެއްގެ ސަބަބުން މަގުފަހިވާ ކަމެކެވެ. އެހެނީ ދިރިއުޅުމުގައި ދިމާވާ ކަންތައްތައް އެކިމީހުން ނަގައި ގަންނާނީ ތަފާތު ކޮންނެވެ. އެހެންކަމުން މިބަލި ޖެހުމަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް މިއީއެވެ.ހަމައެހެންމެ އާއިލާގެ އެހެން މެމްބަރެއްގެ ކިބައިގައި ޑިޕްރެޝަން ހުރެއްޖެނަމަ އެއީވެސް ބައްޔަށް މަގުފަހިވާ އެއްކަމެކެވެ. އިތުރު ކަންތައްތަކަށް ބަލައިލާއިރު އެމީހަކީ ކުރީގައި އެންޒައިޓީ ނުވަތަ ޕޯސްޓް ޓްރައުމަޓިކް ޑިސްއޯރޑާރގެ ޝިކާރައަކަށް ވެފައިވާނަމަ މިބަލިޖެހުމަށް މަގުފަހިވެގެން ދެއެވެ.
ޑިޕްރެޝަންގެ ވައްތަރުތަށް!
ޑިޕްރެށޝަންގެ ތަފާތު އެކި ބާވަތްތައް ހުރެއެވެ. އެގޮތުން މިލިޔުމުގައި ޑިޕްރެޝަންގެ 9 ވައްތަރަކަށް ބަލައިލާނަމެވެ.
މޭޖާރ ޑިޕްރެޝަން
މިއީ އެންމެ އާންމު ވައްތަރުގެ ޑިޕްރެޝަންއެވެ. މޭޖާރ ޑިޕްރެޝަންގެ ބަލިމީހުންގެ އުމުރުގެ އެކި ހިސާބު ތަކުން ޑިޕްރެޝަންގެ އެޕިސޯޑުތަކާއި ކުރިމަތިލައެވެ.
ޑައިސްތީމިއާ
ޑައިސްތީމިއާއަކީ ވަރަށް ދިގުމުއްދަތަކަށް ދެރަވެފައި ހުރުމެވެ. ބައެއްފަހަރަށް މި މުއްދަތު އަހަރަކަށް ވުރެ ދިގުވެގެންވެސްދެއެވެ. މި މުއްދަތުތުގެ ތެރޭގައި މީހާ އޮޓޯ ޕައިލަޓްއަށް ލެވިފައި ހުންނަ ކަހަލަ އިހުސާސްއެއް ކުރެވެއެވެ.
ސީޒަނަލް އެފެކްޓިވް ޑިސޯރޑަރ
މިއީ އިރުގެ އަލިކަން ލިބޭ މިންވަރު މަދުވުމުގެ ސަބަބުން ޖެހޭ ޑިޕްރެޝަންއެކެވެ. މިއީ ފިނިމޫސުމުގެ ސަބަބުން މަގުފަހިވާ ޑިޕްރެޝަންއެކެވެ.
އޭޓިޕިކަލް ޑިޕްރެޝަން
މިވައްތަރުގެ ޑިޕްރެޝަން ހުންނަމީހުންގެ ފަރާތުން އަބަދުވެސް އަތްފައިގައި ރިއްސާ އަތްފައި ބަރުވާކަހަހަލަ އިހުސާސް ކުރެވޭ ރިޕޯޓުތައް ލިބެއެވެ.އަދި މި ޑިޕްރެޝަންގެ ޝިކާރައަކަޑށްވާ މީހުންގެ ކިބައިން އަވަސްއަވަހަށް ކަންކަމާއި ރުޅިއައުމާއި، މާގިއިން ކެއުން އަދި ނިދުން ފަދަ އަމަލުތައް ފެނިގެން ދާނެއެވެ.
ބައިޕޯލާރ ޑިސޯރޑަރ
މިއީ އާދަޔާ ޚިލާފަށް މީހާގެ މޫޑަށް ބަދަލުއައުމެވެ. ކުދިކުދި ކަންކަމާއި މާބޮޑަށް އުފާވުމާއި، އަދި މާބޮޑަށް ދެރަވުން ފަދަ ކަންތައްތަކެވެ.
ސައިކޯޓިކް ޑިޕްރެޝަން
ސައިކޯޓިކް ޑިޕްރެޝަންގެ ސަބަބުން މީހާއަށް ހަގީގަތް ނޫން މަންޒަރުތަކެއް ފެނިގެންދެއެވެ. އަދި މި ޑިޕްރެޝަންގެ ޝިކާރައަކަށްވާ މީހުން އެނދުގައި ހައްޔަރުވެފައިވާ ކަހަލަ އިހުސާސެއް ކުރެވޭކަމުގެ ރިޕޯޓުތައް އައިސްފައި އެބަހުއްޓެވެ.
ޕޯސްޓްޕާރޓަމް ޑިޕްރެޝަން:
މިއީ މާބަނޑު އަންހެނުން ވިހެއުމަށް ފަހު އަންނަ ބަދަލުތަކާއި ގުޅިގެން ޖެހޭ ޑިޕްރެޝަންއެކެވެ. އެއީ މައިމީހާއި ކުއްޖާ ދުރުކުރެވޭކަހަލަ އިހުސާސެއް ކުރެވޭތީއެވެ. އަދި ހަމައެއާއިއެކު ކުއްޖާއަށް އަނިޔާއެއް ދެވޭކަހަލަ އިހުސާސެއް ކުރެވޭތީއެވެ.
ޕްރީމެންސުރަލް ސައިފޯރިކް ޑިސޯރޑަރ
މިއީ އަންހެންމީހާ ޕީރިއަޑް ވުމުގެ ކުރިން ހޯމޯންސްއަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވާ ޑިޕްރެޝަންއެކެވެ. އަދި މި ޑިޕްރެޝަންގެ ސަބަބުން އާންމު އިންސާނެއްގެ ގޮތުގައި ދިރިއުޅެން އުދަނގޫވެއެވެ.
ސިޓުއޭޝަނަލް ޑިޕްރެޝަން
މިއީ ދިރިއުޅުމަށް އަންނަ
ކުއްލި ބަދަލެއްގެ ސަބަބުން އަންނަ ޑިޕްރެޝަންއެކެވެ. މިސާލަކަށް ބުނާނަމަ ވަރަށް
ގާތް މީހަކު ނިޔާވުނޮ ނުވަތަ ވަޒީފާގެއްލުންހިމެނެއެވެ.
ޑިޕްރެޝަން ހުރި މީހެއް ދެނެގަންނާނީ ކިހިނެތް؟ އަދި ޑިޕްރެޝަނަށް އޮތް ފަރުވާއަކީ ކޮބާ؟
ޑިޕްރެޝަންހުރި މީހއެއްގެ ކިބައިން ތިރީގައިވާ އަމަލުތައް ފެންނާނެއެވެ. މިއީ ޑިޕްރެޝަންގެ އެކި ވައްތަރުތަކަށް ބެލުމަށްފަހު ހުރިހާ ވައްތަރެއްގެ ޑިޕްރެޝަންއިންވެސް ފާހަގަވާ އާންމު ސިފަތަކެވެ.
- އަބަދުވެސް ދެރަވެފައި ހުރުން އަދި އެހެންމީހުންގެ ކުރިމަތީގައި ތިމާގެ އެއްވެސް އަގެއް ނެތްކަމަށް އިހުސާސްކުރެވުން.
- ކުދި ކުދި ކަންތައްތަކާމެދު ހިތްހަމަނުޖެހި، ރުޅިއިސްކުރެވި އެއްވެސް އަރާމެއް ނުލިބުން.
- އާންމުކޮށް ކުރާހިތްވާ ކަންތައްތައް ކުރާހިތް ނުވެ ފޫހިވުން.
- ނިދަން އުދަނގޫ ވުމާއި، ރަނގަޅަށް ނުނިދުމާއި މީގެ އިތުރުން މާގަދަޔަށް ނިދުން.
- އަބަދުވެސް ވަރުބަލިވެފައި ހުރުން.
- ކަންކަމާއި މެދު ވިސްނުމަށް އުދަނގޫވުމާއި، ހަނދާންނެތުމާއި، ނިންމުންތައް ނިންމުމަށް އުދަގޫވުން.
- ކެއުމަށާއި ބަރުދަނަށް ކުއްލި ބަދަލުތަކެއް އައުން.
- މަރާމެދު ވިސްނުމާއި އަމިއްލައަށް މަރުމުވުމުގެ ޚިޔާލު ކުރެވުން.
- މާގިނަގިނައިން ބޮލުގަރިއްސުމާއި،ބަނޑުގަރިއްސުން އަދި އުނަގަނޑުގައި ރިއްސުން.
މިފަދަ ސިފަތައް އެންމެ މަދުވެގެން ޖެހިޖެހިގެން 2 ހަފްތާވަންދެން ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ މާހިރެއްގެ ލަފާ ހޯދުންވަރަށް މުހިއްމެވެ.
ޑިޕްރެޝަންއަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ކަސްރަތުކުރުމެވެ. އެއީ ކަސްރަތު ކުރާ ވަގުތުގައި އެހެނިހެން ބޭކާރު ޚިޔާލުތަކުން ދުރުވެއެވެ. ހަމަ މިގޮތަށް ޔޯގާ ކުރުމާއި ސިއްހަތައް ފައިދާހުރި ޑައެޓެއް ގާއިމުކުރުމުން ވެސް ސިކުނޑި ހަމަޖެހި ރޭގަނޑު ނިދުމަށް ފަސޭހަވެގެންދެއެވެ.
ސިކުނޑީގައި ހިނގާ ޚިޔާލުތަކާއި އިހުސާސްތައް އެހެންމީހަކާ ހިއްސާކުރަން އުދަނގޫނަމަ ލިޔުމުންވެސް ޑިޕްރެޝަންއަށް ލުޔެއްލިބިގެންދެއެވެ.ކަންމިހެންއޮތްނަމަވެސް ސިޓުއޭޝަނަލް ޑިޕްރެޝަނަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ސިއްހީ މާހިރެއް ނުވަތަ ކައުންސިލަރެއްގެ ލަފާ ހޯދުމެވެ. ހަމައެހެންމެ ސައިކޮލޮޖިސްޓެއްގެ ނުވަތަ ސައިކޭޓްރިސްގެ ލަފާ ހޯދުންވެސް ހިމެނެއެވެ.
ޑިޕްރެޝަންއަށް
ޚާއްސަ ބޭސްކއެއުންވެސް ޑިޕްރެޝަންގެ ފަރުވާއެކެވެ، އެހެންނަމަވެސް މިއީ ސިއްހީ
މާހިރެއްގެ ފުރިހަމަ ބެލުމުގެ ދަށުން ކުރަންވާނެ ކަމެކެވެ.
ޑިޕްރެޝަންއަށް ފަރުވާ ހޯދުމަކީ ދިގު
ދަތުރެކެވެ. މިދަތުރުގެ އައްސޭރިފަށަށް ވާސިލުވެވޭނީ ވަރަށްވެސް ހިތްވަރާއިއެކު
މަސައްކަތް ކޮއްގެންނެވެ.