ކޮވިޑް19: ތިޔަ އަތް ދޮންނަނީ ރަނގަޅަށްތަ؟

މުޅި ދުނިޔެއަށް މިހާރު ނުރައްކަލަކަށް ވެފައިވާ ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ފަރުދީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ސިއްހީ އޮފިޝަލުން ވަނީ ގިނަގިނައިން އަތްދޮވުމަށް އިރުޝާދު ދީފައެވެ.

ބަލިތައް ޖައްސާ ބެކްޓީރިއާ މަރުވަންދެން އަތްދޮވުމަކީ ބަލިތަކުން ރައްކާތެރިވެ، ސަލާމަތުން ހުރުމަށްޓަކައި ކުރެވިދާނެ މުހިއްމު ކަމެކެވެ. އެގޮތުން ހަމައެކަނި ފެން ފޮދަކުން ނުވަތަ ސައިބޯނި ކޮޅެއް ލައިގެން އަވަސް އަވަހަށް އަތް ދޮވެލުމުން މި ބެކްޓީރިއާތައް ދާނެތޯއެވެ؟

ދިރާސާތަކުން ދައްކާ ގޮތުގައި ބަލިތައް ޖައްސާ ބެކްޓީރިއާ މަރުވަންދެން އަތް ދޮންނަނީ އެންމެ 5 ޕަސެންޓް މީހުންނެވެ. ފާހާނާއަށް ދިއުމަށް ފަހު 15 ޕަސެންޓް ފިރިހެނުން އެއްގޮތަކަށް ވެސް އަތެއް ނުދޮވެއެވެ. އަދި އަންހެނުންގެ ތެރެއިން 7 ޕަސެންޓް މިފަދައެވެ. އަތް ދޮންނަ ފިރިހެނުންގެ ތެރެއިން ސައިބޯނި ބޭނުން ކުރަނީ އެންމެ 50 ޕަސެންޓް މީހުންނެވެ. އަންހެނުންގެ ތެރެއިން ސައިބޯނި ލައިގެން އަތް ދޮންނަނީ 78 ޕަސެންޓް މީހުންނެވެ. އަދި އާންމު ގޮތެއްގައި ގިނަ މީހުން އަތް ދޮންނަނީ 6 ސިކުންތު ވަންދެނެވެ.

ސިއްޙީ މާޙިރުން އިރުޝާދު ދޭގޮތުގައި އަތްދޮވުމަށް އެންމެ އެދެވޭ ގޮތަކީ ހަމައެކަނި ފެނުން އަތްނުދޮވެ، ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ރަނގަޅަށް އަތްދޮވުމެވެ. އެގޮތުން ސައިބޯނިލައިގެން އަތްތިލައިގެ މެދާއި އަތްތިލައިގެ ފަހަތް އަދި އިނގިލިތައް ދޭތެރެއާއި ނިޔަފަތިތައް ދޭތެރެ ސާފުކުރުމަށް ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އިރުޝާދު ދެއެވެ. އަދި ރަނގަޅަށް އަތްދޮވުމަށް ފަހު ސާފު ތުވާއްޔަކުން އަތް ފުހުމަކީވެސް އަތްދޮވުމުގެ ގައިޑްލައިންގައި ހިމެނޭ ކަންކަމެވެ.

ތިރީގައި މިދަންނަވާލަނީ ސީޑީސީ އިން އަތްދޮވުމަށް އިރުޝާދު ދޭ ގޮތެވެ.

  • ފެނުން އަތް ތެއްމާލާށެވެ.
  • އަތުގެ ދެފުށުގައި ލެވޭ ވަރަށް ސައިބޯނިލާށެވެ.
  • ދެއަތްތިލައިގެ އެތެރެފުށް ސައިބޯނިން ރަނގަޅަށް އުގުޅާލާށެވެ. އަދި އެއް އަތުން އަނެއް އަތުގެ ބޭރު ފުށް ރަނގަޅަށް އުނގުޅާށެވެ.  
  • ދެއަތްތިލައިގެ އިގިލިތަކުގެ ދޭތެރެއާއެކު އުނގުޅާށެވެ. އަދި އިނގިލިތައް ކައިރިކޮށްފައި ބަހައްޓައިގެން، އެއް އަތުން އަނެއް އަތްތިލައިގައި ވަށައިގެން އުނގުޅާށެވެ.
  • ގާތްގަނޑަކަށް 20 ސިކުންތު ވަންދެން މިގޮތަށް އުނގުޅާށެވެ. އެއީ ދެފަހަރު ހެޕީ ބާރތްޑޭ ޓޫ ޔޫ ލަވަ ކިޔާލާހާ މަދު ވަގުތުކޮޅެކެވެ.
  • ފެނުން ސައިބޯނި ފިލުވާށެވެ.
  • ޓިޝޫއަކުން ނުވަތަ ސާފު ތުވާއްޔަކުން ފެން ހިއްކާށެވެ.

ނުރައްކާތެރި ކޮރޮނާވައިރަސް ފެތުރެން ފެށުމާއެކުވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އޮފިޝަލުން ވަނީ ކޮރޮނާވައިރަސް އިން ރައްކާތެރިވުމަށް ގިނަގިނައިން އަތްދޮވުމަށް އިރުޝާދު ދީފައެވެ. އަދި ގިނަގިނައިން އަތްދޮވުމުގެ ސަބަބުން މި އިންފެކްޝަން ފެތުރޭ ރޭޓް ދަށްވެފައިވާ ކަމަށްވެސް ސިއްހީ އޮފިޝަލުން ބުނެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!