ކޮރޯނާވައިރަސް ފެތުރެމުންދާ މި ދަނޑިވަޅަކީ މިނިމަމް ވޭޖް ކަނޑައެޅުމަށް އެންމެ ރަނގަޅު ދަނޑިވަޅެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެންމެ ކުޑަ އުޖޫރާ ކަނޑައެޅުމަށް ރައީސް އިބްރަހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ މިނިމަމް ވޭޖް ބޯޑްގެ ޗެއަރމަން މަރިޔަމް ހާލިދާ ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖަށް އާންމުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހާލިދާ ވިދާޅުވީ މިނިމަމް ވޭޖުގެ ބޯޑުގެ ނިންމުންތައް ނިންމާފައިވަނީ ކޮރޯނާ ވައިރަހުގެ ކުރިން ކަމަށާއި މިހާރު ވައިރަހުގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސާދަށް ވެސް އަސަރު ކުރަމުންދާ ކަމަށެވެ.
އަދި އެކަމުގެ އަސަރު ވަކިން ބޮޑަށް ރާއްޖެ އަށް ކުރާނެކަން ފާހަގަކުރައްވަމުން ހާލިދާ ވަނީ ސަރުކާރުން ވެސް އަދި ރައްޔިތުންގެ މަޖިލީހުން ވެސް މިިނިމަމް ވޭޖެއް ކަނޑައެޅުމުގައި މި ކަންކަމަށް ރިއާޔަތް ކުރުމަށް އެދިފައެވެ. އެއަށްފަހު ހާލިދާ ވިދާޅުވީ، މިއީ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ދަނޑިވަޅެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
މިނިމަމް ވޭޖެއްގެ ގޮތުގައި ކަނޑައަޅަން ބޯޑުން ހުށައެޅީ 6،400 ރުފިޔާއެވެ.