އިންތިޚާބުގައި ޕްރިންޓްކުރާ އެންމެ ދިގު ވޯޓް ކަރުދާހުގައި 1 ފޫޓް 7 އިންޗި

އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓް ކަރުދާސް ޕްރިންޓް ކޮށްދޭނެ ފަރާތެއް މިއަދު ކަނޑައަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ޤައުމީ ލަފާދޭކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އިންތިޚާބަށް އިލެކްޝަނުން ކަނޑައަޅާފައިވާ ޑެޑްލައިންތަކާއި އެއްގޮތަށް މަަސައްކަތް ކުރިއަށްދާކަމަށެވެ. އިންތިޚާބުގައި ކުރިމަތިލާ ކެނޑިޑޭޓުންގެ ނަންބަރު މިއަދު ތަރުތީބު ކުރާއިރު ވޯޓް ކަރުދާސް ޕްރިންޓް ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއަދު ބާއްވާ ޓެންޑާ ބޯޑުގެ ބައްދަލުވުމަށްފަހު ވޯޓް ކަރުދާސް ޕްރިންޓް ކުރާނެ ބަޔަކު ކަނޑައެޅުމަށް ހަމަޖެހިފައިވާއިރު، އެއްފަހަރާ ދެ އިންތިޚާބެއް ބާއްވަން ޖެހުމުން މިފަހަރުގެ އިންތިޚާބުގައި ބައެއް ދާއިރާތަކުގެ ވޯޓް ކަރުދާސް ދިގުވުމަކީވެސް އެކަށީގެންވާކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

“މިފަހަރުގެ އިންތިޚާބުގައި އެންމެ ދިގު ވޯޓް ކަރުދާހެއްގެ ގޮތުގައި ޕްރިންޓް މިކުރެވެނީ 1 ފޫޓް 7 އިންޗީގެ ކަރުދާހެއް. އެއީ ގއ.ވިލިގިލީގެ ވޯޓް ކަރުދާސް. އެހެން ދާއިރާތަކަށް އާންމު ގޮތެއްގައި ހުރީ އެއްސައިޒަކުން. ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުއްޓަސް.” ޝަރީފް ވިދާޅުވިއެވެ.

ވޯޓް ކަރުދާސް ޕްރިންޓް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ޤައުމީ ލަފާދޭ ކޮމިޓީގެ މެމްބަރުންނަށްވެސް ޕްރިންޓް ކުރުމުގެ މަރުހަލާ ކުރިއަށްދާ ގޮތް ބެލުމުގެ ފުރުޞަތު ދިނުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ވޯޓް ކަރުދާސް ޕްރިންޓްކުރާއިރު ފުލުހުންނާއި، އިލެކްޝަންގެ އޮފިޝަލުން އެސަރަހައްދުގައި ތިބޭނެކަމަށްވެސް އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!