ކެމްޕޭނަށް ނަޝީދު ގދ.އަތޮޅަށް ފުރާވަޑައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގދ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.

އެމްޑީޕީގެ “ރަށްވެހި ފަތިސް” ގެ ކެމްޕޭނަށް ރައީސް ނަޝީދު ފެއްޓެވި އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އާއި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި މަޖިލީހުގައި ގދ. އަތޮޅުގެ ދާއިރާތައް ތަމްސީލު ކުރައްވާ ބައެއް މެންބަރުން ވެސް އެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ސްޕޯކްޕާސަން އަފްޝަން ލަތީފް ވިދާޅުވީ އެ ދަތުރުފުޅުގައި އެމްޑީޕީގެ ޓިކެޓްގައި ގދ. އަތޮޅުގެ ގޮނޑިތަކަށް ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުންނާއި ރައީސް ނަޝީދު ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީ ހަރުގެ ހަރަކާތްތަކާއި، ޖަލްސާތައް އެ އަތޮޅުގެ ރަށްރަށުގައި އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގަތީ ހއ. އަތޮޅާއި ހދ. އަތޮޅުގެ ރަށްތަކަށެވެ. އޭގެ ފަހުން މުޅި ރާއްޖޭގައި އެއް ވަގުތެއްގައި އެމްޑީޕީގެ ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިޔަ ދުވަހު ނަޝީދު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން ކެމްޕޭން ކުރައްވާފަ އެވެ.

އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗު ކުރުމުގެ ގޮތުން ވެސް އެމްޑީޕީން ޖަލްސާތައް ބޭއްވީ މުޅި ރާއްޖޭގައި އެއް ވަގުތެއްގަ އެވެ. އެ ހަރަކާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވީ މާލޭގެ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާއަށް ލިބުނު ތަރުހީބު ވަރަށް ކުޑަ އެވެ.

ކައުންސިލް އިންތިހާބު އޮތީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!