މުޣުނީ ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމްޑީޕީން މައާފަށް އެދިއްޖެ

ކޯރޯނާ ވައިރަސްއާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މައާފަށް އެދިއްޖެއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މުޣުނީ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށާއި އެގޮތުން ކާމިޔާބު ކުރާނީ އިދިކޮޅު “ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބައިގެން” ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން މުޣުނީ އަށް ފާޑުކިޔުން އަމާޒުވެފައިވާއިރު މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މުޣުނީ ދެއްކެވި ވާހަކައާ ގުޅިގެން އޭނާ މައާފަށް އެދިވަޑައިގެންފައިވާ ކަމަށާއި އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ވެސް އެކަމަށް މައާފަށް އެދޭ ކަމަށެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި މުޣުނީގެ ވިސްނުމަކަށް ވެސް ނުވާނެ، އެހެން ފަރާތަކަށް ކޮރޯނާ ވައިރަސް ޖައްސާފައި އަޅުގަނޑުމެން އިންތިހާބެއް ކާމިޔާބު ކުރުން ނޫނީ އެހެން ކަމެއް ކުރަން އުޅުން. އެހެންކަމުން މެންބަރުން އެ ވިދާޅުވި ބަހަކީ އޮޅިގެން ބުނި ބަހެއް ކަމުގައި ގަބޫލެއް ނުކުރަން” އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ މި ވާހަކައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު، މެމްބަރަކު ދައްކަވާ ވާހަކައެއް ހުއްޓުވައި، އެ ވާހަކައަކީ ދެއްކޭނެ ވާހަކައެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބާރު މަޖިލީހުގެ ގަވާއިދުގައި ރިޔާސަތަށް ދީފައި ނުވާ ކަމަށެވެ.

އަދި ކިތަންމެ ވަރަކަށް ސިޔާސީ ގޮތުން ކޯޅުނު ކަމުގައި ވިޔަސް އެއް ބޭފުޅަކު އަނެއް ބޭފުޅަކާ އަދި ދިވެހި ރައްޔިތުން ތެރޭގައި އެކަކު އަނެކަކާ އެހާ އަނިޔާވެރި ވާނޭ ގޮތަކަށް ވާހަކަ ނުދެއްކުމަށް ކަމަށްވެސް އީވާ ވަނީ އިލްތިމާސްކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!