4 މަހުގެ ކާޑު ސްޓޮކްގަ އެބަހުރި: އެސްޓީއޯ

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާނެ ކަމަށް ވާހަކަ ދެކެވުނުނު ނަމަވެސް، ކުރިއަށް އޮތް ހަތަރު މަހަށް ވާ ވަރަށް ކާޑުގެ ސްޓޮކް އެބަހުރި ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، އެސްޓީއޯގެ ސްޓޮކުގައި ހަތަރު ވަރަކަށް މަހަށް ވާވަރަށް ކާޑުގެ ބާވަތްތައް ހުރި އިރު އިތުރު ކާޑުގެ ޝިޕްމެންޓު ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރާ ކަމަށެވެ. އަދި އިތުރު ފަސް ވަރަކަށް މަހަށް ވާ ވަރަށް ކާޑުގެ ޝިޕްމެންޓު ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާފާނެތީ އެކަމަށް ދުރާލާ ތައްޔާރުވާން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

އެ މައްސަލަގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ކާޑުގެ ދަތިކަމަށް ވިސްނައި ސަރުކާރާއި އެސްޓީއޯއިން ތިބީ ތައްޔާރުވެގެން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!