ކައުންސިލް އިންތިޚާބުގައި ގަބޫލުނުކުރި ކެންޑިޑެސީއެއް ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލި މީހެއްގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުގައި ހއ. އިހަވަންދޫ ކައުންސިލަށް ކުރިމަތިލި މީހެއްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އޭނާގެ ކުށުގެ ރެކޯޑް ސާފު ކުރިއިރު، އަދާކުރަންޖެހޭ ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދައްކާ ކަމަށް ހިމަނައިފައި އޮތުމުންނެވެ. އެއީ އިދާރީ އޮޅުމެއް ކަމަށާއި އެ ފައިސާ ކޯޓަށް ލިބިފައިވާ ކަމަށް ބުނެ ކޯޓުން ފަހުން އެންގިޔަސް، އޭރު އޮތީ ކެންޑިޑެސީއާ މެދު ކޮމިޝަނުން ގޮތެއް ނިންމާ މުއްދަތު ހަމަވެފަ އެވެ.

އެ މީހާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ކުރި ހުކުމުގައި ވަނީ ކެންޑިޑެސީއާ މެދު އިލެކްޝަންސް ކޮމިޝަންގެ ނިންމުމާ ނިންމުން މުއްދަތު ހަމަވާ ފަހުން ބަދަލު ކުރުމުގެ ބާރު އެ ކޮމިޝަނަށް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އަދި އެ މީހާގެ ދަރަންޏެއް އޮތް ކަމަށް ލިޔުން ދޫކުރެވުނީ އޮޅިގެން ކަމަށް ކޯޓުން ފަހުން ޖަވާބު ދީފައި އޮތުމުން އެ މީހާއަކީ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާ ފަރާތެއް ކަން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ކައުންސިލް އިންތިޚާބުގައި އޭނާގެ ކެންޑިޑެސީ ބަލައިގަތުމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އަމުރުކުރީ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!