މިޔަރާއި ކަހަނބު ހިފުން ހުއްދަ ކުރުމަށް ގޮވާލައި ޖާބިރުގެ ގަރާރެއް މަޖިލީހަށް

މިޔަރާއި ކަހަނބު ހިފުމާއި ލޭނުމަސްވެރިކަން އަދި އެންދެރިނެގުން ހުއްދަކުރަން ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު، އަބްދުﷲ ޖާބިރު އެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ 50 މޭލާއި 70 މޭލު ބޭރުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދިވެހި މަސްވެރިންނަށާއިއެން ހިފަން ފީނާ މަސްވެރިންނަށް މިޔަރުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބޭކަމުގެ ޝަކުވާތައް ގިނަވަމުން އަންނަ ކަމަށެވެ.

ލޭނުއެޅުމުގެ މަސްވެރިކަން ކުރުމުގެ ހުއްދަ އަލުން ދިނުމުގެ އިތުރުން އެއްވެސް ހުރަހެއް ނެތި ރާއްޖޭގެ ނޫ އިގްތިސާދުގެ ނަފާ އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ގޮތުގެމަތިން، ވަކި ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން މިޔަރާއި ކަހަނބާއި އެންދެރި ނެގުމަކީވެސް ދިވެހި މަސްވެރިކަމުގެ ތެރޭގައި ހިމެނޭ ހުއްދަ ކަމެއްގެ ގޮތުގައި ހަމަޖައްސައި އެ ހުއްދަ ދިވެހި މަސްވެރިންނަށް ދިނުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

ޖާބިރު ވިދާޅުވީ އެކަމުގައި އެމަނިކުފާނު ހުދު އަމިއްލަފުޅަށް ދިރާސާއެއް ކުރެއްވި ކަމަށެވެ. އަދި އެ ދިރާސާއިންނާއި މަސްވެރިންނާއި ވާހަކަދައްކާލުމުން އެ މިޔަރުތަކަކީ އެތައް ހާސް މޭލު ބޭރުން ދަތުރުކުރަމުން ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅޭ މިޔަރުތަކެއް ކަން އެނގި ކަށަވަރު ވެފައިވާ ކަމަށެވެ.

ޖާބިރުގެ ގަރާރުގައި ރާއްޖޭގެ “ޓެރިޓަރީގައި” މީގެކުރިން އުޅުނު މިޔަރުތަކަކީ އިންސާނުންނަށް ގެއްލުންދޭ މިޔަރުތަކަކަށް ނުވި ނަމަވެސް މިހާރު ރާއްޖޭގެ ސަރަހައްދުތަކުގައި އުޅެމުންދާ މިޔަރުތަކަކީ އެތަކެތީގެ ސަބަބުން އިންސާނުންނަށް އަދި ކަނޑުގެ އެހެން ދިރޭ ތަކެއްޗަށް ނުރައްކަލެއް ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ އިގްތިސޯދުގެ ދެ ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބެމުންދާ އަނިޔާތަކާއި ގެއްލުންތަކުން ސަލާމަތް ކުރުމަށް ޖެހިފައިވާ ކަމަށް ވިދާޅުވެ ފިޔަވަޅުތަކެއް އެޅުމަށް ޖާބިރު ވަނީ ގޮވާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!