އަހަރުގެ ފުރަތަމަ ފިލްމު މިރޭ

މި އަހަރު އޮލިމްޕަހުގައި އަޅުވާ ފުރަތަމަ އާ ފިލްމު “އަނދިރިކަން” މިރޭ ޕްރިމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމަކީ އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަނާއި ކެމެރާމަން އަބްދުﷲ ޝިވާޒް (މާސްކޭ) ގެ ކުންފުނި މާސްކޭ ސްޓޫޑިއޯސް އިން ގެނެސްދޭ ފިލްމެކެވެ. އަސަރު ގަދަ ވާހަކައެއް ކިޔައިދޭ “އަނދިރިކަން” އަކީ ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ވެސް ކުޅެފައިވާ ފިލްމެކެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމުގެ ބަތަލާއިންނަކީ ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ އެވެ. މ. މަޑުއްވަރީގައި މަންޒަރުތައް ނަގާފައިވާ “އަނދިރިކަން” ގެ އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު ރަޝީދު (ދަރާ) ހިމެނެ އެވެ.

މާސްކޭ ބުނި ގޮތުގައި “އަނދިރިކަން” މިރޭ އަޅުވާ އިރު، ފުރަތަމަ ޝޯ އެއްކޮށް، ފިލްމުގެ ބާކީ ހުރި ޝޯތަކުގެ ޓިކެޓް އަންނަނީ ވަރަށް ބާރަށް ވިކެމުންނެވެ. އޭނާ ބުނީ ފިލްމު ޕްރިމިއާކުރާނީ ކުޑަވަރެއްގެ އިވެންޓަކާ ވެސް އެކީގައި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!