20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މޯލްޑިވް ގޭހުގެ ދެ މުވައްޒަފަކަށް ހައްޖު ދަތުރު

މޯލްޑިވް ގޭސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރު އިއުލާނުކުރި ގޮތަށް އެ ކުންފުނީގެ ދެ މުވައްޒަފަކަށް ހައްޖު ދަތުރު ދީފި އެވެ.

އެ ކުންފުނިން ނިންމާފައިވަނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރު ދޭށެވެ.

އިއްޔެ މޯލްޑިވް ގޭސްގައި ބޭއްވި ރަސްމިއްޔާތެއްގައި، މިއަހަރުގެ ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާ އެކަމުގެ ލިޔުން ހަވާލުކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމެވެ. މި ދަތުރު ލިބުނީ ފޯމަނެއްގެ ގޮތުގައި އެ ކުންފުނީގައި ވަޒީފާ އަދާކުރާ މުހައްމަދު ވަހީދަށާއި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ އަލީ ވަހީދަށެވެ.

މޯލްޑިވް ގޭހުން މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ހައްޖު ދަތުރަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. މި ދަތުރު ލިބޭނީ ފޯމު ހުށަހަޅާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ ދެ މުވައްޒަފަކަށެވެ. އެގޮތުން މި ދަތުރަށް އެދި ފޯމު ލާ މުވައްޒަފުންނަކީ ޕަފޯމެންސް ރަނގަޅު، ކުންފުންޏަށް ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށް ވާންޖެހޭނެ އެވެ. ދެވަނަ މުވައްޒަފަކަށް ހޮވާނީ ކުރިމަތިލާ މީހުންގެ ތެރެއިން ޕަފޯމެންސް ރަނގަޅު، އުމުރުން އެންމެ ދުވަސްވީ މީހާ އެވެ.

މޯލްޑިވް ގޭހުން ބުނި ގޮތުގައި މި ދަތުރަކީ މުވައްޒަފުން ކުރިއެރުވުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެެރޭގައި ހިމެނޭ ކަމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި، މުވައްޒަފުން ކުރިއެރުވުމަށް މުހިންމު ހަރަކާތްތައް ހިންގައި އެލަވެންސްތައް ދެމުން ގެންދާނެ ކަަމަށް ވެސް އެ ކުންފުނިން ބުންޏެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!