ކަރަންޓުގެ އަގުން މާލެއާއި ރަށްރަށުގެ ތަފާތު ވަނީ ނައްތާލައިފައި: ރައީސް

ކަރަންޓުގެ އަގު ނެގުމުގައި މާލެއާއި އެހެން ރަށްރަށާ ދެމެދު ހުރި ތަފާތުތައް މި ސަރުކާރުން ވަނީ ނައްތާލައިފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ރަސްމީކޮށް ފެށިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަކަށް އަސާސީ ހިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާއެކު، ކަރަންޓުގެ ހިދުމަތް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުންކަމަށެވެ.

ދަރުބާރުގޭގައި ބޭއްވެވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކަރަންޓުގެ ހިދުމަތަށް ކުރާ ހޭދަ ކުޑަކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާފައެވެ. އެގޮތުން ކަރަންޓުން އިސްރާފުވާ މިންވަރު ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް، ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ސްޓެލްކޯއިން އާންމު ރައްޔިތުންގެ ސަމާލުކަމަށް އަބަދުވެސް ގެންނަވާ ކަންކަން ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކަރަންޓުގެ ހިދުމަތް ދިނުމުގައި މި ސަރުކާރުން އިސްކަން ދޭ އަނެއް ކަމަކީ، ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތަކަށް ވިސްނައިގެން ކަރަންޓުގެ ހިދުމަތް ދިނުން ކަމަށެވެ. އަދި، އެކަން ހާސިލުކުރުމަށް، އިއާދަކުރަނިވި ހަކަތައަށް ހިޖުރަކުރުމުގެ ގޮތުން، އަވިން ކަރަންޓު އުފައްދާ ނިޒާމުތައް މާލެއާއި އެހެން ރަށްރަށުގައި އިތުރު ކުރަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސްޓެލްކޯއިން އެކުލަވާލާފައިވާ އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ފަސް އަހަރުގެ ޕްލޭނަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ޕްލޭން ފުރިހަމަވެގެން ދާއިރު، ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ތަރައްގީގެ އެހެން މަޝްރޫއުތަކަށް ހޭދަކުރާނެ ފައިސާ އިތުރު ވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރޭ އިފްތިތާޙުކުރި “ފެހި ދިރިއުޅުން” މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކަށް ނޫނެކޭ ބުނަން ކޮންމެ ގޭބިސީއެއްގައިވެސް އާދަކުރަން ވެއްޖެކަމަށެވެ. އަދި، ޕްލާސްޓިކްގެ ނުރައްކަލުން އަޅުގަނޑުމެންގެ ވެށި ރައްކާތެރި ކުރެވޭނީ، ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މީގެ އިތުރުން، އެ މަނިކުފާނުވަނީ މި ސިނާއަތުގައި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕްލެޓިނަމް އެވޯޑް އެ ފަރާތްތަކާއި ހަވާލު ކޮށްދެއްވައި، ކަރަންޓުގެ ހިދުމަތަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ސްޓެލްކޯއިން ތައްޔާރުކޮށްފައިވާ ހާއްސަ ފޮތެއް ނެރެދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ފާއިތުވި 70 އަހަރުގެ ތެރޭގައި މި ސިނާއަތުގެ ތަރައްގީއަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށްވެސް ސްޕެޝަލް ރެކޮގްނިޝަން އެވޯޑު ހަވާލުކޮށްފައިވެއެވެ.

އިގްތިސޯދު ކުރިއެރުވުމަށް ޔޫޓިލިޓީޒް ހިދުމަތްތައް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައިވާ ވަރަށް މުހިންމު ބައެކެވެ. އަދި މިކަމަށްޓަކައި މި ސަރުކާރުން މިހާތަނަށްވަނީ ކަރަންޓުގެ ހިދުމަތް އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަގު ނައްތާލައި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްހަމަ ކޮށްފައެވެ. އަދި ހަމަ އެއާއެކު އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައްވެސް އެއްހަމަ ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!