ފަތިސްނަމާދަށް ހޭލުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް

ނަމާދަކީ އިސްލާމްކަމުގެ ދެވަނަ ރުކުނެވެ. އަދި ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ ޢަމަލަކީ ނަމާދު ކަމުގައިވެސް ޙަދީޘްގައި އައިސްފައި ވެއެވެ. ނަމާދަށް ރައްކާތެރިވުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.

ނަމާދު އޭގެ ވަގުތުގައި ކުރުމަކީ މާތްﷲ އެންމެ ބޮޑަށް ލޯބިކުރައްވާ އެއް ކަންތަކެވެ. އެއީ ﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެވެ. 

ތިރީގައި މިދަންނަވާ ކަންތައްތައް ކުރުމުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން ފަތިސް ނަމާދަށް ހޭލުން ފަސޭހަ ކަމަކަށް ވާނެއެވެ.

އިޚްލާސްތެރިކަމާއެކީ މަތިވެރި ޘަވާބު އެދި ފަތިސްނަމާދު އެ ނަމާދުގެ ވަޤުތުގައި ކުރުމުގެ ޢަޒުމު ކަނޑައެޅުން

ފަތިސްނަމާދު އިހު ސުންނަތާއި އެ ނަމާދު ޖަމާޢަތުގައިކުރުމާއި ފަތިސްނަމާދު ފަހުން ޒިކުރުކުރަން އިނުމަކީ މަތިވެރި އަޖުރު ލިބެނިވި އަޅުކަންތަކެކެވެ. މި އަޅުކަންތައްތަކަށް ލިބޭ އަޖުރު މަތިން ގިނަގިނައިން ހަނދާންކުރާނަމަ، ފަތިސްނަމާދު ކުރުމަކީ ތިމާގެ ކަށީގައި ހިފާފައިވާ އާދައަކަށްވުމަށް މާގިނަ ދުވަހެއް ނުނަގާނެއެވެ. މިފަދަ ބައެއް ޙަދީޘްތައް މި އަރޓިކަލްގެ ފަހު ބައިގައި ގެނެސްދެވޭނެއެވެ.

ނިދުމުގެ ކުރިން ވުޟޫކުރުން

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ، ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ..))
أخرجه البخاري

މާނައީ: “ތިބާ ނިދަން އައިސްފިނަމަ ފަހެ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. ދެން އޭގެފަހުގައި ތިބާގެ ކަނާއަތްފަރާތަށް ވާގޮތަށް އޮށޯއޮންނާށެވެ.”

ވުޟޫމަތީގައި ނިދާ މީހާއަށް ފާފަ ފުއްސެވުންއެދި ދުޢާކުރުމަށް މަލާއިކަތަކު އޭނާގެ ކައިރީގައި ހުންނާނެކަމަށް ނަބަވީ އިރުޝާދުތަކުން ސާބިތުވެއެވެ.

ނިދުމުގެ ކުރިން ކިޔަން ވާރިދުވެފައިވާ ޒިކުރުތައް ކިޔާށެވެ.

މި ދުޢާތަކުގެ އިތުރުން އާޔަތުލް ކުރުސިއާއި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތާއި އިޙްލާސް، ފަލަޤި، ނާސި (މި ތިން ސޫރަތުންކުރެ ކޮންމެ ސޫރަތެއް ތިންފަހަރު) ކިޔަން ހަނދާން ނައްތާނުލާށެވެ.

ދުޢާކުރުން

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ.

ސޫރަތުލް ޣާފިރު 60

ފަތިސް ނަމާދު އެ ނަމާދުގެ ވަގުތުގައި ކުރުމުގެ ތައުފީޤްދެއްވަވާތޯ ގިނަގިނައިން ދުޢާކުރާށެވެ.

ފާފަތަކުން ދުރުވުން

ﷲސުބުޙާނަހޫ ވަތަޢާލާ ޙަރާމް ކުރައްވަފައިވާ ކަންތައްތަކުން، ޚާއްޞަކޮށް ޙަރާމްތަންތަނަށް ބެލުމުން ދުރުހެލިވާން ވާނެއެވެ. އެހެނީ ޙަރާމް ކަންތައްތައް ކުރުމަކީ ހެޔޮ ޢަމަލުތަކުން މަޙްރޫމުވާ ކަމެކެވެ.

ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤުނުލިބުމަކީ ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއްފަހަރަކު މީހަކު އިމާމް އަލްހަސަނުލް ބަޞަރީއާއި ސުވާލުކުރިއެވެ.

”ތިމަންމެނަށް ރޭ އަޅުކަން ކުރަން ނުހޭލެވެނީ ކީއްވެތޯއެވެ؟“ ޖަވާބުގައި އިމާމް އަލްހަސަނުލް ބަޞަރީ ވިދާޅުވިއެވެ.

”قيدتكم ذنوبكم“

ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުން ހައްޔަރުކުރީއެވެ.(އެބަހީ ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް ރޭ އަޅުކަންކުރުމުގެ ތައުފީޤްނުލިބެނީއެވެ.)

ނިދާ ގަޑި އަވަސްކުރުން

ނިދުމާއި ހަނދާން ނެތުން އެއީ ނަމާދު ވަގުތުން ފަސްވުމަށް ދިމާވާނެ ހަމައެކަނި މަޤްބޫލު ދެ އުޒުރެވެ. އެހެންނަމަވެސް ނިދާ އިރު ފަތިސްނަމާދަށް ބަންގި ގޮވަން ބައިގަޑި ނުވަތަ ފަނަރަ މިނިޓަށް ވުމުން ނިދުމަކީ ފާފަވެރިވާނެކަމެކެވެ. އެހެންކަމުން ނިދާގަޑި އާއި ހޭލާގަޑި އަވަސް ކޮށް ނަމާދަށް ބުރޫނާރާ ގޮތަށް ތާވަލް ބައްޓަންކުރުން ވަރަށް މުހިއްމެވެ. ރަސޫލާ ޞައްލަﷲ ޢަލައހި ވަސައްލަމަ ސުންނަތަކީވެސް ނިދާ ގަޑިއާއި ހޭލާ ގަޑި އަވަސްކުރުމެވެ.

ޢާއިޝާ رضي الله عنها ގެ އަރިހުންރިވާވެގެންވެއެވެ. “كَانَ يَنَامُ أَوَّلَ اللَّيْلِ وَيُحْيِى آخِرَهُ” މާނައީ: “އެކަލޭގެފާނު ނިދިކުރައްވަނީ ރޭގަނޑުގެ ކުރީ ކޮޅުގައެވެ. އަދި ރޭގަނޑުގެ ފަހުބައި އަޅުކަމުގައި ހޭދަކުރައްވައެވެ.”

  • ހޭލެވުމުން އެންމެ ފުރަތަމަ ކަމަކަށްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޛިކުރު ކުރުން.
  • ދެވަނަ ފަހަރަށް ނިންދެވުމަށްޝައިޠާނާއަށް ފުރުޞަތު ނުދީ، ހޭލެވުމުން އަވަހަށް އެނދުން ތެދުވުން.
  • ހެޔޮ ޢަމަލުތައް ކުރުމުގައި އެކަކުއަނެކަކަށް ވާދަކުރާ މީހުންނަށް ދެއްވާނެކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޢުދުވެވޮޑިގެންފައިވާ މަތިވެރި ދަރަޖައިގެ މަތިން ހަނދާން ކުރުން.

ނަމާދަކީ އެއާއި މެދު ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ސުވާލު ކުރެވޭނެ ކަންތަކަށް ވީ ހިނދު ނަމާދު އޭގެ ވަގުތުގައި އަދާކޮށް، ނަމާދު ކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ.

ނޯޓް: މި އާރޓިކަލްގައި ހިމެނޭ ބައެއް މައުލޫމާތު ތަކަކީ އިލްމީ އެކި ސައިޓުތަކުން ނަގާފައިވާ މައުލޫމާތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!