ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓް ގާއިމުކޮށްފި

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގައި ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓެއް ގާއިމުކޮށް، މައްސަލަތައް ބަލަން ފަށައިފި އެވެ.

އެޗްއާރުސީއެމް އިން ބުނީ އެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދާއި ވިސްލްބްލޯވާ ޕްރޮޓެޝަން ޔުނިޓަށް ސިއްރުކޮށް މައުލޫމާތު ހުށަހެޅުމާއި ބަލައިގަތުމައި މައުލޫމާތު ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ.

އޭގެ އިތުރުން އެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުގެ ގާއިމު ކުރަން ޖެހޭ އެތެރޭގެ އިންތިޒާމުތައް ގާއިމު ކުރުމުގެ ގޮތުން އަމަލު ކުރަން ޖެހޭ ގައިޑްލައިން ވެސް ޕްރޮޓެކްޝަން ޔުނިޓުން އެކުލަވާލައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ހިއްސާ ކޮށްފައިވާނެ ކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ.

އެޗްއާރްސީއެމް އިން ބުނީ އެ ކޮމިޝަނުގައި ގާއިމުކޮށްފައިވާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ސިޓީ މެދުވެރިކޮށްގެންނާއި މައްސަލަ ހުށަހަޅާ ފޯމަކުން ނުވަތަ އީމެއިލް މެދުވެރިކޮށްގެންނާއި ވެބްސައިޓް މެދުވެރިކޮށް އަދި އެ ޔުނިޓަށް ހާޒިރުވެ، ޝަކުވާ ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!