ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައި ގެޒެޓުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވަނީ ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު، އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ 16:00 އާއި ހަމައަށް ހުޅުވާލާފައިވާނެ ކަމަށެވެ.

އެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކަކީ ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންޖެހެއެވެ. ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ފިރިހެނެއްނަމަ އިސްކޮޅު ފަސް ފޫޓު ތިން އިންޗި އަދި އަންހެނެއްނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރުނުވުމާއި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހަކު ކަމުގައިވާ މީހެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހޭނެވެ. އަދި ސްޕެޝިއަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހެއެވެ.

ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެއެވެ.

ފުލުހުން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ އާއި ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. ހަމައެއާއެކު ނެގިފަހުން ތިން މަސް ދުވަސްވެފައިނުވާ، އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ ދެ ފޮޓޯ އާއި އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ އާއި އަދި ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއް ނަމަ އެވަޒީފާ އަދާކުރި ތަންތަނުގައި ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހަޅާނީ 2020 މެއި 31 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށެވެ. މި ވަޒީފާއަށް އެދި ފޯމު ހުށަހަޅާނީ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތުގެ ކުށުގެ ރެކޯޑު ބަލާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކުގައެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00ން 16:00 އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!