ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި ރިވިއު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.
ދީބާޖާ މައްސަލައިގެ ޙުކުމް ރިވިއުކުރުމަށް ސުޕްރީމްކޯޓަށް ބަންޑާރަ ނާއިބު ހުށައެޅުއްވީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަދުވަހުއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ ރިވިއު ކުރުމުގެ ހުއްދައަށް އެދި އެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓުގެ ޤަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައަކަށްވުމުން އެ މައްސަލަ ބަލައިގަތުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފައިވާކަމަށެވެ.
ދީބާޖާ މައްސަލައިގަ ސުޕްރީމްކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތްކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެފައިވާތީ ޢާންމު މަސްލަޙަތަށް ރިޢާޔަތްކޮށް އެމައްސަލަ ރިވިއުކުރުމަށް ނިންމަވާފައިވާ ކަމަށް ބަންޑާރަ ނާއިބު، އިބްރާހީމް ރިފްއަތުވަނީ މީގެކުރިން ވިދާޅުވެފައެވެ.