އިންޑިއާގެ ދިއްލީގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ސްކޫލް ދަރިވަރަކު ރޭޕްކޮށް މަރާލުމުގެ ސަބަބުން މަރަން ހުކުމްކޮށްފައިވާ ހަތަރު މީހުން ދަންޖެއްސުން ދިއްލީގެ ކޯޓަކުން އަނެއްކާވެސް ފަސްކޮށްފި އެވެ.
މުޅި އިންޑިއާގެ ސަމާލުކަން ހުއްޓުނު އެ ހާދިސާގައި އަކްޝޭ ތަކޫރު، ވިނޭ ޝަރުމާ، ޕަވަން ގުޕްްތާ އަދި މުކޭޝް ސިންގު މަރަން އަވަސް ނިޔާގެ ކޯޓަކުން ހުކުމްކުރީ 2013 ވަނަ އަހަރު އެވެ.
އެ މީހުން ދަންޖައްސާ މަރަން ދިއްލީގެ ކޯޓަކުން މިދިޔަމަހުގެ 22 ވަނަ ދުވަހަށް ނިންމި ނަމަވެސް އެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ މުކޭޝް ސިންގް ވަނީ ރައީސް ރާމް ނާތު ކޮވިންދުގެ އަރިހުން އަފޫއާއްމަކަށް އެދިފަ އެވެ. ނަމަވެސް ރައީސް ވަނީ އަދަބު މައާފް ކުރުމަށް ދެކޮޅު ދެކޮޅު ހައްދަވައިފަ އެވެ. އެހެންކަމުން ނިދިޔަ މަހުގެ އެކަކަށް އެމީހުން ދަންޖައްސާ މަރަން ނިންމިނަމަވެސް ފަހުން އެ ތާރީހު ވަނީ އަނެއްކާވެސް މިއަދަށް ބަދަލުކޮށްފައެވެ.
މިފަހަރުވެސް އަދަބު ފަސް ކުރީ އޭގެ ތެރެއިން އެކަކު ކަމަށްވާ ޕަވަން ގުޕްތާ އޭނާގެ މަރުގެ ހުކުމް ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވުމަށް ރައީސް ރާމް ނާތު ކޮވިންދުގެ އަރިހުން އެދުމުންނެވެ. އެހެންކަމުން އެ މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ރައީސް ގޮތެއް ނިންމަވަންދެން، ވަކި މުއްދަތެއް ނެތް ގޮތަށް އެ ހަތަރު މީހުންގެވެސް އަދަބު ފަސް ކުރަން އަމުރު ކުރައްވާފަ އެވެ.
އެމީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުން ލަސް ކުރަމުން ދާތީ އިންޑިއާގައި ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.