ފޮޓޯ: ރާއްޖެއެމްވީ

ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދިނީ ރާވައިގެން: ވަކީލުން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިން ހެކިބަސް ދީފައިވަނީ ދުރާލާ ރާވައިގެން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ހިނގި ޝަރީއަތުގައި ދައުލަތުގެ ހެކިވެރިން ހެކިބަސް ދީފައި ވަނީ ރާވައިގެން ކަމަށެވެ. އަދި އެ ފަރާތްތަކުގެ ހެކިބަހަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، ހެކި ބަސް ދީފައި ވަނީ ވަކި ކޮޅަކަށް ބަރުވެ ތިބެ ކަމަށް ވެސް ވަކީލުން ބުނެއެވެ. 

ރައީސް ޔާމީނާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނުގެ ނައިބު ރައީސް އަދި ހިޔާނާތުގެ މައްސަލައިގައި މަގާމުން ދުރުކޮށް ޖަލަށްލެވުނު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓާރ އަބްދުﷲ ޒިޔަތާއި އޭސީސީގެ އޭރުގެ ރައީސް މުއައްވިޒު ރަޝީދު ފާހަގަ ކޮށްފައެވެ.

ރައީސް ޔާމީންގެ ވަކީލުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައިވަނީ، އެއް ދުވަހެއްގައި ހެކިބަސް ނެގޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދުމުން އެކަން ކޮށްފައިނުވާކަމަށާއި، އަދި ވަގުތުން ލައިވްކޮށް ދައްކަމުން ދިޔަ ޝަރީއަތުގެ މަޖިލީހެއްގައި އެއް ހެކިވެރިޔަކު ދައްކާ ވާހަކަ އަނެއް ހެކިވެރިޔަކަށް އެނގި އެއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ހެކިންނަށް ލިބިގެންދިޔަކަމަށެވެ. 

ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިންމާލަމުން ވަކީލު ވަނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ބާޠިލު ހުކުމެއް ކަމަށް ކަނޑައަޅާ ދެއްވުމަށް އެދިފައެވެ.

ޝަރީއަތުގެ މަޖިލިސް ނިންމާލަމުން ރިޔާސަތުން ބުނީ، މި މައްސަލާގައި ދެން އަޑުއެހުމެއް ބާއްވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ރިޔާސަތުން ބުނިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!