ވެކްސިން ޖަހާފައިތިބި މީހުން އެނގޭނެ ސޮފްޓްވެއަރއެއް ޤާއިމްކުރަނީ

ނޭޝަނަލް ވެކްސިން ސޮފްޓްވެއަރ ޤާއިމްކޮށް ކުރިއަތް އޮތް ހަފްތާއެއްހާދުވަހުގެ ތެރޭ ބޭނުން ކުރަން ފަށާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސިނިއަރ އެގްޒެކްޓިވް ޑިރެކްޓަރ ޝަހުރުބާން ޢަބްދުﷲ ވިދާޅުވީ މިއަދާ ހަމަޔަށް އައިއިރުވެސް ރާއްޖޭގައި ވެކްސިން ޖަހާފައިތިބި މީހުންގެ މަޢުލޫމަތު އެނގޭނެ ޑޭޓާ ބޭސްއެއް ނެތްކަމަށެވެ. އަދި މިހާރު ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންގެ އިސްނެންގެވުމާއެކު މިފަދަ އެމަރޖެންސީ ސޮފްޓްވެއަރއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ހަވާލުކޮށްގެން މި ސޮފްޓްވެއާ ތައްޔާރުކުރަމުންދާކަމަށާއި މިހާރު އެ މަސައްކަތުގެ ނުވަދިހަ އިންސައްތަ ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ސޮފްޓްވެއާރގެ ސަބަބުން ރާއްޖޭގައި ވެކްސިން ޖަހާފައިވާ ކުދިންގެ މަޢުލޫމާތާއި ވެކްސިންގެ ބާވަތްތައް ނުވަތަ ޑޯޒްތައް އެނގިގެންދާނެކަން ފާހަގަކޮށް ޝަހުރުބާން ވިދާޅުވީ ސޮފްޓްވެއަރ މެދުވެރިކޮށް ވެކްސިން ނުޖަހާ ތިބި ކުދިންގެ ގެއަށް ގޮސް އެކުދިންނަށް ވެކްސިން ޖަހާނެކަމަށެވެ. އަދި މިފަދަ މަޢުލޫމާތުތައް އެއްކުރެވުމާއެކު މިހާރު މިދިމާވާ ވެކްސިން ނުޖަހާ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!