ދާދި ފަހުން، އަލީ ވަހީދުގެ އަޑު ކަމަށް ބުނެ އޮޑިޔޯތަކެއް ޓްވިޓަރ އަށް ލީކް ކޮށްލިއެވެ.
އެއީ ހަދާފައިވާ އޯޑިއޯތަކެއް ކަމެއް ނޫން ކަމެއް އެނގޭނީ އެކަން ތަހުގީގް ކުރަމުންގެންދާ ފަރާތްތަކުގެ ތަހުގީގު ނިމުމުންނެވެ. ނަމަވެސް އެއީ ރިކޯޑް ކޮށްފައިވާ އަސްލެއް ކަމަށް ވަންޏާ އެކަން ކުރި ގޮތެއްވެސް އޮންނާނެވެ. އަދި ކުރި ބަޔަކުވެސް ތިބޭނެއެވެ. މިކަން ކުރި ބަޔަކު ވާނަމަ، އެކަން ކޮށްފައި އެވަނީ ގާނޫނީ އިމުގެ ތެރެއިންނެއްވެސް ނޫނެވެ.
ފުރަތަމަ ލީކްވި އޯޑިއޯ ތަކުގައި އަޑު އިވެނީ އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ހުރި މާހައުލުން ރައްޓެހިން ތަކަކާއި އެކީ ވާހަކަ ދައްކާ އަޑެވެ. މި ގޮތަށް އަޑު ރިކޯޑް ކުރެވެން އޮތީ ދެގޮތެވެ. އެއްގޮތަކީ އެތިބި ތަނުގައި ރިކޯޑު ކުރެވޭނޭ ގޮތް ހަދާފައި ހުރުމެވެ. މިހެން ހަދާފައި ހުރެއްޖެނަމަ އެ ރިކޯޑް ކުރި ޑިވައިޒް އެތާގައި އޮންނާނެއެވެ. އަދި އެ ޑިވައިސް ލީކް ކޮށްލި ބަޔަކަށް ލިބިގެން ނޫނީ ރިކޯޑް ކުރެވިފައިވާ އަޑުތަކެއް ނުލިބޭނެއެވެ.
ދެވަނަ ގޮތަކީ މީޓިންގ ގައި ތިބި ތަނުގެ އެތެރޭގައި ކުޑަ ކުޑަ ޑިވައިޒް އެއް ބޭއްވުމަށް ފަހު ދުރުގައި ބަޔަކު ތިބެގެން އޭގެ ރޭޑިއޯ ފްރިކުއެންސީ ގައި ތަނުގައި ދައްކަމުންދާ ވާހަކަ އަޑުއަހަމުން އެހެން އެއްޗަކުން ރިކޯޑް ކުރުމެވެ.
ފަހުން ލީކުވެފައިވަނީ މިނިސްޓަރ ނަހުލާއާއި އެކީ ދައްކާ ވާހަކަ ތަކެއްގެ އޯޑިއޯ އެވެ. މި އޯޑިޔޯތަކުން ބޮޑަށް އިވެނީ ކުރީގެ އޯޑިއޯތަކަކީ އަސްލެއްކަން ދޭހަ ކޮށްދޭން ދައްކާފައިވާ ވާހަކަ ތަކެކެވެ. މި އޯޑިއޯ ތަކުން ބެކްރައުންޑް ނޮއިސް އަޑު އިވެއެވެ. ނަމަވެސް މި އޯޑިޔޯތައް ރިކޯޑް ކޮށްފައިވަނީ ނަހުލާގެ އަޑު އަންނަ ދިމާލާއި މާދުރުން ނޫން ކަން އެނގެއެވެ. ދުއްވާ އެއްޗެހީގެ އަޑު މި ދެ އޯޑިޔޯގައި ހުއްޓަސް މި އޯޑިޔޯތައް ރިކޯޑް ކޮށްފައިވަނީ މަގުމަތީގައި ތިބި ބައެއްކަމަކަށް ނުބެލެވެއެވެ.
އޯޑިއޯތައް ރިކޯޑް ކުރުމުގައި މިނިސްޓަރ ނަހުލާގެ ދައުރެއް އޮތްކަމަށް ބައެއް ނޫސްތަކުން ތުހުމަތު ކޮށްފައިވާއިރު، އަދި ރައްޔިތުންގެ މަޖިލީހުގައި އެފަދަ ގޮތަކަށް ދެހަވާ މޭރަމަކުން މަޖިލިސް މެމްބަރަކު ވާހަކަ ދައްކާފައިވާއިރު، ނަހުލާގެ 2 ފޯނުކޯލްގެ އަޑު ރިކޯޑް ކޮށްފައިވަނީ ނަހުލާއާއި މާ ދުރުނޫން ތަނެއްގައި ކަމަށް އޯޑިޔޯ ދިރާސާ ކުރި މި ނޫހުގެ ޓީމުން ގަބޫލު ކުރެއެވެ.
މީގެ އިތުރުން ޔާމީނުގެ ދައުރުގައި ޔާމީނުގެ ފޯނުކޯލުތައް އަޑުއަހަން ބަޔަކު ޑިވައިސްތަކެއް ބޭނުންކޮށްފައި ހުރިކަމަށް ވާހަކަ ދެކެވުނެވެ. އެހެންކަމުން އެފަދަ ޑިވައިޒް ތަކެއް ބޭނުންކޮށްގެން ފޯނުން ދެއްކި ވާހަކަތަކުގެ އަޑު ރިކޯޑު ކޮށްފައި ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އޯޑިޔޯތަކަކީ އަސްލެއް ކަމުގައި ވާނަމަ، މިކަމަކީ ބާރުހުރި ފަރާތަކުން ކޮށްފައިވާ ކަމެއްކަމަށް ލަފާކުރެވެއެވެ.