ލާދީނީ ލޭބަލް އެޅުވުން ބަލައެއް ނުގަނެވޭނެ: އެމްޑީޕީ

ދީނީގޮތުން ހިލާފު އުފެދޭ ކަންކަމާއި، މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނީ “ލާދީނީ” މީހުންކަމުގައި ލޭބަލްކުރުން ބަލައި ނުގަނެވޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ،

ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ ކުށްވެރިކުރުމުގެ ގޮތުން އެމްޑީޕީން ނެރުނު ނޫސްބަޔާނުގަިއ ބުނީ މީހުން ގައިގައި “ލާދީނީ” ލޭބަލް އަޅުވާ އެ މީހުންނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކާ މުޖްތަމައު ފިތުނަ ކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. އަދި އޭގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ވަނީ ގޮސްފައި ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ، މިފަހަކަށްއައިސް މުޖުތަމައުގެ އެއްބައެއް އަނެއްބަޔަކާމެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި މުޖްތަމައުގައި ފިތުނަވެރިކަން އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާކަމަށެވެ.

އެގޮތުން، ދީނީ ގޮތުން ހިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ބަޔަކު ވާހަކަ ދައްކަމުންދާ ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ބުނީ، އެކަންކުރުމުގައި އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އެމްޑީޕީން ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވޯކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔަ ހަވާހަކަތައް ފާހަގަ ކޮށްފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ، ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައިވާ ދިވެހިންނާއި އެމީސް މީހުންގެ އާއިލާތައް އަނބުރާ މުޖްތަމައުތެރެއަށް ގެނައުމުގައި އެމީހުން ރީހެބިލިޓޭޓް ކުރުމަކީ ސަރުކާރުން ހިންގަންޖެހިފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ. ސަރުކާރުން އެމަސައްކަތް ކުރަމުންދާއިރު، އެމަސައްކަތަށް ގަސްދުގައި ހުރަސްއަޅައި އެމަސައްކަތް ހިންގިޔަ ނުދީ، އެމަސައްކަތް ފެއިލް ކޮށްލުމަށްޓަކައި ބަޔަކު މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީން ބުނެއެވެ.

މީގެ އިތުރުން، މުޖުތަމައު ބައިބައިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ބައެއް ފަރާތްތަކުން ދަނީ، މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ދެމެދު ރުޅިވެރިކަމާއި، ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަމުން ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ބުނީ މިފަދަ ރުޅިވެރިކަން ގެނުވާ ފަދަ ނަފްރަތު އުފައްދާ ވާހަކަތައް އެކި ފަރާތްތަކުން ދައްކަމުން ގެންދާކަމީ އެޕާޓީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!