ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް 43 މިލިޔަން ގެ ޕްރޮޖެކްޓެއް

ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިޙާދާއި ދެމެދު ބާއްވާ ސީނިއަރ އޮފިޝަލުން ފެންވަރުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އީޔޫއާއި ދެމެދު މަޝްވަރާތައް ބާއްވާނެ އާ ނިޒާމެއް ޤާއިމްކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ އަހަރުގެ ޖޫން މަހު ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅުގައި އީޔޫގެ އޮފިޝަލުންނާއިއެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ޤާއިމްކުރެވުނު ނިޒާމްގެ ދަށުން ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.

މި ބައްދަލުވުމާއި ދިމާކޮށް، ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކުރުމަށް މިއަދު ވަނީ ޕްރޮޖެކްޓެއް ލޯންޗްކޮށްފައެވެ.

މި ޕްރޮޖެކްޓަކީ ރާއްޖެ-އީޔޫ ސަލާމަތީ އެއްބާރުލުމަށް އީޔޫ އިން ކަނޑައަޅާފައިވާ 43 މިލިއަން ރުފިޔާ (2.5 މިލިއަން ޔޫރޯ) ގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް އާއި، ދިވެހި ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެންނެވެ.


ދިވެހި ސަރުކާރާ އީޔޫ އިންވެސް މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައް ފަދަ ބައިނަލްއަގްވާމީ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. މިދިޔަ ޑިސެމްބަރު މަހު އީޔޫ އިން ވަނީ 2050 ވަނަ އަހަރުގެ ނިޔަލަށް ޔޫރަޕަކީ ކާބަން ނިއުޓްރަލް ބައްރަކަށްވުމަށް އަމާޒު ހިފާފައިވާ ޔޫރަޕިއަން ގްރީން ޑީލް އެޑޮޕްޓްކޮށްފައެވެ. ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް އިމްޕްލިމެންޓް ކުރުމަށް 85.8 މިލިއަން ދިވެހިރުފިޔާގެ އެހީއަކާއި، ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް އިން ރާއްޖެއަށް ދޫކުރި 771.6 މިލިއަން ދިވެހި ރުފިޔާގެ ލޯން އީޔޫ އިން ފާހަގަކުރެއެވެ.


މި ބައްދަލުވުމުގައި ދިވެހި ރައްޔިތުންނަށް ވިސާއާއި ނުލައި އީޔޫގެ މެމްބަރު ޤައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ހޯދުމާއި ބެހޭ ގޮތުން އީޔޫ އާއިއެކު ވަނީ މަޝްވަރާކުރެވިފައެވެ.


މިއަދުގެ މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއާއި، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ޕެސިފިކް ޕައޯލާ ޕަމްޕަލޯނީ އެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!