ރާއްޖެތެރޭ މީހުން، މާލެ ހިފަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދު ދެއްވައިފި

ނަސްލީ ތަފާތުކުރުން ބޮޑުކުރާނަމަ “ރާއްޖެތެރެ މީހުން” މާލެ ހިފަންޖެހިދާނެ ކަމުގެ އިންޒާރު ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ދެއްވައިފި އެވެ.

ސައުދު މިހެން ވިދާޅުވީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުން އަތުން އެމީހުންގެ ބިންތައް އެހެން ބަޔަކު ފޭރިގަނެފައިވާ ފަދަ މައްސަަލައެއް ގޮތައް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެމްޑީޕީގެ ޕާރަލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޝަހީމް (އަނދުން ހުސޭން) މާލޭގެ ހާލަތު ސިފަ ކުރެއްވުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ސައުދު ވިދާޅުވީ މާލެ އަކީ ވަކިބައެއްގެ ތަރިކައެއް ނޫންކަމަށާއި ގްރޭޓާ މާލެ ތަރައްޤީ ކުރުމަށް ނެގި ލޯނުތަކާއި ކުރަމުންދާ ޚަރަދަކީ ދިވެހި ރައްޔިތުންގެ އެސެޓް ކަމަށެވެ.

“ނަސްލީ ތަފާތުކުރުން ބޮޑުކުރާނަމަ ރާއްޖެތެރޭ މީހުން މާލެ ހިފަން ޖެހިދާނެ. މާލެ ދަފްތަރުގައި ޖެހިފައިވާ އެންމެން ރަށު ރަޖިސްޓްރީ އަށް ބަދަލު ވުމަށް ގޮވާލަން.” ސައުދު ވިދާޅުވިއެވެ.

ދެކުނުގެ ރައްޔިތުން އަނެއްކާވެސް “ސުވާދީބް ސަރުކާރެއް” އުފައްދަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ސައުދު މިއަދު ވަނީ ދެއްވާފައެވެ.

“ރާއްޖެތެރޭ މީހުންގެ ފައިސާ އިން މާލެ ތަރައްޤީކޮށްފައި އެރައްޔިތުންނަށް ދަތިކޮށް ފުރައްސާރަ ކުރާނަމަ ދެކުނު ރައްޔިތުން އަނެއްކާވެސް ސުވާދީބް ސަރުކާރެއް އުފައްދަން ޖެހިދާނެ.” ސައުދު ވިދާޅުވިއެވެ.

މެންބަރު ހުސައިން ޝަހީމްގެ ވާހަކަތަކަށް އެމްޑީޕީގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވެސް ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ޔައުގޫބް ވިދާޅުވީ އިޒްރޭލުގެ ނުލަފާ މީހުންނާއި ރާއްޖެތެރޭ މީހުންނާ އެއްހަމައަކުން މިނެކިރުމުން ލަދުވެތިވާ ކަމަށެވެ. 

“އިޒްރޭލުގެ ނުބައި ނުލަފާ މީހުންނާއި އެއް ހަމައަކުން މި ރާއްޖޭގެ “ރާއްޖެތެރޭ މީހުން” މިނެކިރާތީ އެކަމާ ލަދުވެތިވެ، ކަންބޮޑުވެ، ދެރަވޭ. އަޅުގަނޑުވެސް ގަބޫލުކުރަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރު ވާން ޖެހޭނެ ކަމަށް. އެކަމަކު ތަފާތުކުރުން ނައްތާލަން ޖެހޭ،” އޭނާ ވިދާޅުވި އެވެ. 

މެންބަރު ހުސައިން އަށް ރައްދު ދެއްވަމުން ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަދި ގެދޮރު އިމާރާތްކޮށްދޭ ކުންފުންޏެއްގެ ވެރިއެއް ކަމަށްވާ ސައުދުﷲ ހިލްމީ ވިދާޅުވީ ވެރިކަން ކުރާ ރަށް “ކޮންމެ ފަސް އަހަރަކުން ނުވަތަ 20 އަހަރުން” ބަދަލުވާ ގޮތް ހެދުމުން މާލެއަށް މީހުން ނާންނާނެ ކަމަށެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!