ސީއެސްސީގެ 4 މެންބަރުން ވަކި ކުރަން ކޮމިޓީން ނިންމައިފި

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާ އެކު ޖުމްލަ ހަތަރު މެމްބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސެއިނާއި މެމްބަރު އިބްރާހިމް ޝަހީގް ވަކިކުރަން ފެންނަ ކަމަށެވެ. އަދި އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި މެމްބަރު ފާތިމަތު އާމިރާ ވަކިކުރަން ނުފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމައިފައެވެ.

އެގޮތަށް ނިންމީ، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ހަ މެމްބަރުންގެ ވޯޓުންނެވެ. ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރަން ކުއްލި ގޮތަކަށް މަޖިލިހުގެ ތަޅުމުން ނިންމައިފި ނަމަ، އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެއެވެ. ނަމަވެސް، އެ ކޮމިޓީން އެގޮތަށް ނިންމީ، ސިވިލް ސާވިސްގެ މެމްބަރުންގެ މައްސަލަތަކެއް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކޮމިޓީގައި ބެލުމަށް ފަހުއެވެ.

ސީއެސްސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ނިންމި އިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ސަރުކާރުގެ ހުރިހާ ވަޒީރުން ވަނީ ހާޒިރުކޮށްފައެވެ. ވަޒީރުން ހާޒިރު ކުރީ މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސީއެސްސީގެ މެމްބަރުންގެ އެއްބާރުލުން އޮތް މިންވަރާ ގުޅޭ ގޮތުންނެވެ.

އެ ބައްދަލުވުމުގައި ގިނަ ވަޒީރުން ވަނީ ސީއެސްސީއާ ހެދި މިނިސްޓްރީތައް ހިންގަން އުނދަގޫވެ، މަސައްކަތްތައް ލަސްވަމުންދާ ކަމަށް ވިދާޅުވެ، އެ ކޮމިޝަންގައި ތިއްބެވި ގިނަ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!