ޓެކްސީ ޑްރައިވަރު ގާސިމްގެ މަރާ ގުޅިގެން އަދުހަމްގެ މައްޗަށް ދައުވާ އުފުލައިފި

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފްވެފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގޭ، އަދުހަމް މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުނީ އަދުހަމްގެ މައްޗަށް ކުރަން ނިންމި ދައުވާއަކީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ އިއްޔެ ކަމަށް ވެސް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގައި ޓެކްސީގައި ދަނިކޮށް ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ އޭނާ މަރާލި ކަމަށް އަދުހަމް ވަނީ އިއުތިރާފްވެފައެވެ. އަދުހަމް ތަހުގީގަށް ކިޔައި ދިން ގޮތުގައި އޭނާ މަސައްކަތް ކުރީ ގާސިމް އަތުން ފޭރުމަށެވެ. ގާސިމްގެ އަތުން ފޭރުމަށްޓަކައި ކަރުގައި ވަޅި ޖެއްސި އިރު، ކަރަށް ވަޅި ހެރީ ގަސްދުގައި ނޫން ކަމަށް އަދުހަމް ވަނީ ތަހުގީގުގައި ކިޔައިދީފައެވެ.

އަދުހަމަކީ ވައްކަމާއި މަސްތުވާތަކެއްޗާއި ފޭރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

ގާސިމްގެ ގާތިލް އަދުހަމްގެ މައްޗަށް އެހެން މައްސަލައެއްގައި ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!