އިންތިޚާބުގައި އެމްޑީޕީން 60 ޕަސެންޓަށްވުރެ ގިނަ ގޮނޑި ކަމިޔާބު ކުރާނެ: ރައީސް ނަޝީދު

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން 60 ޕަސެންޓަށްވުރެ ގިނަ ގޮނޑި ކަމިޔާބު ކުރައްވާނެ ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަ ކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެޕާޓީން ހުކުރު ދުވަހު ބޭއްވި ޕްރައިމަރީއާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާފައިވާ މީހުންގެ ޢަދަދާއި އަދި ވޯޓު ލުމުގައި އެމްޑީޕީގެ ޢާންމު މެންބަރުން ހުރި ޝައުޤުވެރިކަމާއިއެކު، ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އެމްޑީޕީއަށް 60 ޕަސެންޓަށްވުރެ ގިނަ ގޮނޑި ކާމިޔާބު ކުރެއްވޭނެ ކަމަށް ޤަބޫކުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާނެ އަދި ކެމްޕެއިން ކުރުމުގެ ހިތްވަރެއް އަދި، އެކަމުގެ ހުނަރެއްވެސް ނެތްކަމަށެވެ. އަދި ޕްރައިމަރީ ބާއްވައިގެން، ޕާޓީގެ ޓިކެޓު ޙަވާލުކުރުމުގެ މާބޮޑު ވިސްނުމެއް އިދިކޮޅު ޕާޓީތަކުގެ ނެތް ކަމަށެވެ. އެމްޑީޕީން ބާއްވާ ޕްރައިމަރީތަކަކީ އަބަދުވެސް ވަރަށް ވާދަވެރި ރޫޙެއްގައި ކެމްޕެއިންކޮށް، ބޭއްވޭ ޕްރައިމަރީތަކަކަށްވާތީ، ހުކުރު ދުވަހު ބޭއްވި ޕްރައިމަރީއަކީ ވެސް ވަރަށް ވާދަވެރި، ވާދަކުރެއްވި ކެންޑިޑޭޓުންގެ މެދުގައި ކޮންމެވެސް ވަރަކަށް ނުރުހުމުގެ ކަންކަން ހުރިނަމަވެސް ޢާންމުގޮތެއްގައި ރަނގަޅު ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވި ފަރާތްތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކުރިން ވީވަރަކުން ބައްދަލު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ މިވަގުތު ހުރި ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ ގޮތުގައި ތިއްބެވި ސިޓީ މޭޔަރުން ޕްރައިމަރީގައި ނާކާމިޔާބު ވެވަޑައިގެންނެވީ އެބޭފުޅުންގެ ނާޤާބިލުކަމުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި ސީޓީ މޭޔަރުންނަށް ކުރިމަތިވި ނާކާމިޔާބަކީ ކުރިމަތިވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސިޓީ ކައުންސިލްތަކުގެ ބާރުތައް ސަރުކާރުގެ މިނިސްޓްރީތަކަށް ނެގުމުން، ސިޓީ ކައުންސިލްތަކަށް ރައްޔިތުންނަށް ޚިދްމަތް ފޯރުކޮށްދެވޭނެ ފުރުޞަތުތައް ފަހި ކޮށްދީފައި ނުވާތީ ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ވަނީ އޭރު ހިނގަމުންދިޔަ، ޕީޕީއެމް ކޯލިޝަންގެ މެޖޯރިޓީ އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަދި ކައުންސިލްތަކުގެ ބެލެނިވެރިފަރާތްކަމަށްވާ ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުވެސް ސަރުކާރުގެ މުށުތެރެއަށް ގެނެސްފައެވެ. އަދި ސަރުކާރާ ދެކޮޅު ނުވަތަ އެމްޑީޕީއަށް މެޖޯރިޓީ އޮތް ގިނަ ކައުންސިލަރުންތަކެއް ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެން، އަދި މިހަރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބުމާއެކު، ސަރުކާރާއި އެމްޑީޕީއާ ގުޅިގެން ވަނީ، ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، ކައުންސިލްތަކަށް ހިންގުމުގެ ބާރާއި މާލީ ބާރުވެރިކަން ދީފައި ވެއެވެ. އަދި ކައުންސިލްތަކުގެ އުމުރުވެސް ތިން އަހަރުން ފަސް އަހަރަށް އިތުރު ކުރުމަށް ޤާނޫނުއަސާސީއަށް އިޞްލާޙުގެނެސްފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!