ޝައްކު ކުރެވޭ އިތުރު މީހަކު ނެތް، ދެ މީހަކު މޮނީޓާ ކުރަނީ

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އިތުރު މީހަކު ނެތް ކަމަށާއި ނަމަވެސް އިތުރު ދެ މީހަކު މޮނީޓާ ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ ހާލަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ކޮރޯނާ ވައިރަސް ނެތްކަން ޔަޤީންކުރުމަށް އައިސޮލޭޝަންގައި ބެހެއްޓި ވިހި އަހަރުގެ ޒުވާނާ ފިޔަވާ އިތުރު އެއްވެސް މީހަކު މިބައްޔަށް ޝައްކުކުރެވިފައި ނުވާކަމަށެވެ.

ނަމަވެސް އާންމު ރޯގާއާއި ހުމުގެ އަސަރު ހުރުމުގެ ސަބަބުން ވަރަށް ގިނަ މީހުން މިނިސްޓްރީގެ ހޮޓްލައިނަށް ގުޅާކަމަށާއި، ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭތޯ ބެލުމަށް ސުވާލުކުރަމުން އަންނަކަމަށެވެ. އަދި ފަހުގެ ތާރީޚެއްގައި ޗައިނާއަށް ދަތުރުކުރި ފަރާތްތަކުންވެސް ގުޅަމުން އަންނަކަމަށާއި، އޭގެތެރެއިން ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭތޯ ބަލަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2 މީހަކު ހާލަތު ޔަޤީންކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ދުނިޔެ އަށް އިއުލާންކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!