ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާން ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ރޭ ވިދާޅުވީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް މިއަދުގެ ވަގުތެއްގައި ހިޝާން ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ހިޝާންއާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައިގެ ތަފްސީލެއް އިޒްމިއާ ދެއްވާފައެއް ނުވެއެވެ.
ހިޝާން ފުލުހަށް މިއަދު ހާޒިރުކޮށްފައިވާއިރު، މި މަހުގެ 20 ވަނަ ދުވަހު މަގުމަތީގައި ހުއްޓައި ބަޔަކު ހިޝާން އަށް މަރުގެ އިންޒާރު ދިން ކަމަށް އޭނާ ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ފުލުހުން އިއްޔެ ބުނީ ހިޝާންއަށް މަރުގެ އިންޒާރުދީ ބަޔަކު ބިރުދެއްކި މައްސަލައިގެ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.